ތުންތުންމަތިން: ޓްރާންސްފާގެ ވާހަކަތައް!

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ޔޫރަޕްގެ ފުޓްބޯޅައިގައި އަބަދު ވެސް ޓްރާންސްފާ ރޫމާ ތަކަކީ ހުއްޓުމެއް ނެތި ތިލަވޭވޭ ހުންނަ ޚަބަރުތަކެކެވެ. ޚާއްސަކޮށް މަޝްހޫރު ކުޅުންތެރިންނާއި ކުލަބްތަކާ ގުޅުވައިގެން...

22 Mar 2018 | 14:16

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ޔޫރަޕްގެ ފުޓްބޯޅައިގައި އަބަދު ވެސް ޓްރާންސްފާ ރޫމާ ތަކަކީ ހުއްޓުމެއް ނެތި ތިލަވޭވޭ ހުންނަ ޚަބަރުތަކެކެވެ. ޚާއްސަކޮށް މަޝްހޫރު ކުޅުންތެރިންނާއި ކުލަބްތަކާ ގުޅުވައިގެން ތުންތުންމަތިން ދެކެވޭ މިފަދަ ވާހަކަތަކުގެ އަޑު ޓްރާންސްފާ ބާޒާރު ހުޅުވުމާ ގާތްވާވަރަކަށް އޮންނަނީ ގަދަވެފައެވެ. ގިނަ ފަހަރު މިފަދަ ހަގީގަތަކަށް ނުވިޔަސްވެހެވެ.

މި ބަލައިލަނީ ޔޫރަޕްގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ހިނގާ ޓްރާންސްފާ ރޫމާސް ނުވަތަ ތުންތުންމަތިން ދެކެވޭ ޓްރާންސްފާގެ ވާހަކަތަކަށެވެ.

# ލިވަޕޫލުން ބުނަނީ ސަލާހްގެ އަގަކީ 225 މިލިޔަން ކަމުގައި

ޓްރާންސްފާ ރޫމާސްގެ ކުރީގައި މި ދުވަސްވަރު އުޅެނީ ލިވަޕޫލްގެ ކުރިއަށް ކުޅޭ މިސްރުގެ ތަރި މުޙައްމަދު ސަލާޙްގެ ނަމެވެ. 43 މެޗުން 37 ލަނޑު ކާމިޔާބުކޮށް ޔޫރަޕްގައި މި ވަގުތު އެންމެ ވިދާ އެޓޭކަރުންގެ ތެރޭގައި ސަލާހްގެ ނަން ހިމެނޭއިރު، އޭނާ ހޯދުމަށް ކަޅިއަޅާ ކްލަބްތައް ވެސް ގިނައެވެ. މިގޮތުން ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޕީއެސްޖީ އިން ވެސް ސަލާހް ހޯދަން ބޭނުންވާކަމަށް ރިޕޯޓްތައް ބުނާއިރު، އެ ޓީމުތަކުގެ އުނދަގުލުން ސަލާމަތްވުމަށް ލިވަޕޫލުން ސަލާހްގެ އަގަކީ 225 މިލިޔަންކަމުގައި ކަނޑައަޅާފައިވާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

# އިނގިރޭސި ކްލަބްތައް ލޫކް ޝޯ ހޯދުމަށް ފައިވިއްދާފައި

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނެކަމަށް ބެލެވިފައިވާ ފުލްބެކް ލޫކް ޝޯ ހޯދުމަށް އިނގިރޭސި ގިނަ ކްލަބްތަކަކުން ޝައުޤުވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ޗެލްސީ، މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް އަކީ ލޫކް ޝޯ ހޯދުމަށް ކިއު ހަދައިގެން ތިބި އިނގިރޭސި ގަދަބާރުތަކެވެ.

# ސާރީ ނަޕޯލީ ދޫކޮށްލާފާނެކަމުގެ އިޝާރާތެއް ދީފި

ނަޕޯލީގެ ކޯޗު ސާރީ ބުނެފައިވަނީ: "ބަލަން ޖެހޭނީ ޙާލާތު އަހަރެން މަޑުކުރުމަށް ތަންދޭތޯ. އަހަރެން ސަޕޯޓަރުން ދެކެ ލޯބިވާ މިންވަރަކީ، އަދަބު ވެސް އަހަރެން ބޭނުންވޭ (ކްލަބަށްޓަކާ) 100 އިންސައްތަ ދޭން. އެ ނޫން ހާލަތެއް ނަމަ، އެންމެ ރަނގަޅު ވާނީ އަހަރެން ވަކިވުން" ކަމަށެވެ.

# ޔުވެންޓަސް އިން އެލެކްސް ސަންޑްރޯގެ ރިޕްލޭސްމަންޓެއް ހޯދަނީ

ކުޑަ އަގެއްގައި ރަނގަޅު ފެންވަރުގެ ކުޅުންތެރިން ހޯދުމުގައި ޔުވެންޓަސް އަކީ ކާމިޔާބު ކްލަބެކެވެ. އެ ޓީމުގެ ލެފްޓްބެކް އެލެކްސް ސަންޑްރޯ ހޯދުމަށް ޕީއެސްޖީ ފައި ވިއްދާފައިވާއިރު، ބަދަލުގައި ކޮލޯނީގެ ޖޯނަސް ހެކްޓާ ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

# ބާސެލޯނާ އަނެއްކާ ވެސް ބެލެރީން ހޯދުމަށް މަސައްކަތް ފަށައިފި

އާސެނަލްގެ ފުލްބެކް ހެކްޓާ ބެލެރީން ހޯދުމަށް ބާސެލޯނާއިން ފާއިތުވި ދެތިން ޓްރާންސްފާ މާކެޓްގައި ވެސް މަސައްކަތް ކުރިކަމަށް ޚަބަރުތައް ފެތުރުނެވެ. އެކަން ކާމިޔާބު ނުވިއިރު، ކުރިއަށް ޓްރާންސްފާ ބާޒާރުގައި އަނެއްކާ ވެސް ބެލެރީން ހޯދުމަށް ބާސާއިން މަސައްކަތް ކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ބާސާގެ އިތުރުން ޔުވެންޓަސް އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ބެލެރީންއަށް ޝައުޤުވެރިވެއެވެ.

# އާސެނަލްގެ އަމާޒަކީ ލެވަކޫސަންގެ ގޯލް ކީޕަރ

ޖަރުމަނުގެ ބަޔާ ލެވަކޫސަންއަށް ކުޅޭ ޒުވާން ހުނަރުވެރި ގޯލް ކީޕަރ ބާޑް ލޭނޯ ގެންނަން އާސެނަލްއިން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް 25 މިލިޔަން ޔޫރޯގައި އަގުކުރާ މި ކުޅުންތެރިޔާ ހޯދުމަށް އާސެނަލްއަށް ނަޕޯލީއާ ވާދަކުރަން ޖެހޭނެކަމަށް ބެލެވެއެވެ.

# ޑިޕޭ ހޯދަން މިލާންގެ ދެ ކްލަބްގެ ކުރިމަތިލުމެއް

ފްރާންސްގެ ލިޔޯންއަށް ކުޅޭ ނެދަލޭންޑްގެ ޒުވާން ކުޅުންތެރިޔާ މެމްޕިސް ޑިޕޭ ހޯދުމަށް އިޓަލީގެ މިލާންއަށް ނިސްބަތްވާ ދެ ކްލަބް ކަމަށްވާ އިންޓަ މިލާން އާއި އޭސީ މިލާން އިންވެސް މަސައްކަތް ކުރާކަމަށް ޓުޓޯމާކާޓޯވެބް އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް