ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ އެންމެ ފޯރިގަދަ ހިސާބަށް ގޮސްފައިވަނިކޮށް ކުރިމަތި މިވީ ފީފާ އިން ރަސްމީކޮށް ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ބްރޭކާއެވެ. ސީޒަންގެ ފަހުކޮޅު ބައިނަލް އަޤުވާމީ ރަސްމީ ނުވަތަ އެކުވެރިކަމުގެ މެޗުތަކަށް ފީފާއިން މާރޗް 19 ން 27 ށް އިންޓަނޭޝަނަލް ބްރޭކެއް ތާވަލު ކޮށްފައި އޮތުމުން، މިއީ ފަހަރެއްގައި ކްލަބް ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ލިބޭ މާޔޫސް ކަމަކާއި ފޫހިކަމަކަށް ވެދާނެއެވެ. ކްލަބްތަކުގެ ކޯޗުންނާއި މެނޭޖްމަންޓަށް ކުރިމަތިވާ ހިތްހަމަނުޖެހުމަކާއި، ނުތަނަވަސް ކަމަކަށް ވެދާނެއެވެ.
އެހެނަސް، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި މުބާރާތް ކަމަށްވާ "ފީފާ ވޯލްޑް ކަޕް" ބޯމަތިވެފައި ވަނިކޮށް މިއައި އިންޓަނޭޝަނަލް ބްރޭކަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހެސްކިޔާފަ ސަޅި ދުވަސްކޮޅަކަށް ވާނެއެވެ. ވޯލްޑްކަޕްގެ ފޭވަރިޓުންގެ ގޮތުގައި ބަލާ ގައުމުތަކާއި، ދުނިޔޭގެ ގަދަބާރުތަކުގެ ގޮތުގައި ގުނާ އެހެން ވެސް ގައުމުތައް އެއް ބަޔަކު އަނެއް ބަޔަކާ ކުރިމަތިލާނެ، އެކުވެރިކަމުގެ ފޯރިގަދަ މެޗުތަކެއް ތާވަލްކުރެވިފައި ހުރީމައެވެ.
މި އިންޓަނޭޝަނަލް ބްރޭކްގައި ފެންނާނެ ފޯރިގަދަ ކުރިމަތިލުންތައް ފެށޭނީ 23 މާރިޗް 2018 ވާ ހުކުރު ދުވަހުގައެވެ. މާދަމާ ރާއްޖޭ ގަޑިން 21:00 ގައި ވޯލްޑް ކަޕް ބާއްވާ ގައުމުކަމަށްވާ ރަޝިޔާ، ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލްއާ ދެކޮޅަށް ނުކުންނާނެއެވެ. ރަޝިޔާ ފޭވަރިޓުންގެ ގޮތުގައި ނުގުނި ނަމަވެސް، ޔޫރަޕްވަންތަ ފުޓްބޯޅައެއް ކުޅޭ ގައުމަކަށްވެފައި، ވޯލްޑް ކަޕް މިފަހަރު ބާއްވާ ގައުމުކަމަށްވުމާއެކު، އަދި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައިބަލާ އެއް ޓީމުކަމަށްވާ ބްރެޒިލްފަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު، މިއީ މި ދެ ޓީމު ވޯލްޑްކަޕަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ރަނުގެ ފުރުސަތެކެވެ.
ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:45 ގައި ދެން ހުރީ ވަރަށް ފޯރިގަދަ ވާނެ މެޗުތަކެކެވެ. ފޭވަރިޓުންގެ ގޮތުގައި ބަލާ ޔޫރަޕްގެ ގަދަ ދެ ބާރުކަމަށްވާ ޖަރުމަނާއި ސްޕެއިން ބައްދަލުކުރާނެއެވެ. ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި އޭގެ ކުރީގެ ޗެމްޕިއަނުން ނުކުންނައިރު، ފޭވަރިޓުންގެ ތެރެއިން ވެސް އެންމެ ގަދައީ ކޮން ބައެއްތޯ ވަޒަން ކޮށްލަން ރަނގަޅު މެޗަކަށް މި މެޗު ވާނެއެވެ.
އަނެއްކޮޅުން ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނަލް މެސީގެ އާޖެންޓީނާ އިޓަލީއާ ދެކޮޅަށް އަދި އުންމީދީ އިންގްލެންޑް ޓީމު ނެދަލެންޑާ ދެކޮޅަށް ހަމަ އެ ގަޑީގައި ކުޅޭނެއެވެ. އިޓަލީ އާއި ނެދަލޭންޑް ވޯލްޑްކަޕަށް ކޮލިފައި ނުވިނަމަވެސް މިއީ އާޖެންޓީނާ އާއި އިންގްލެންޑް ވޯލްޑްކަޕަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ރަނގަޅު ފައިޓެއް ދޭނެ 2 ޓީމެކެވެ.
ހުކުރު ދުވަހުގެ ރޭ 00:45 ގައި ކުޅޭ އިތުރު މެޗުތަކަށް ބަލާއިރު، ކުރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް (ޔޫރަޕްގެ ޗެމްޕިއަން ޓީމު) ޒަމާންތަކަކަށްފަހު ވޯލްޑްކަޕަށް ކޮލިފައިވި އިޖިޕްޓާ (މިސްރު) ދެކޮޅަށް ނުކުންނާނެއެވެ. ލިވަޕޫލްގައި ވިދަމުން އަންނަ މުޙައްމަދު ސަލާހްގެ ހުނަރާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ރޮނާލްޑޯގެ މޮޅު ކުޅުން ދެކެލަން ތައްޔާރުވާށެވެ.
މި ބްރޭކްގައި ޕޯޗުގަލް އެކުވެރިކަމުގެ މެޗެއް ދެން ކުޅޭނީ ނެދަރލެންޑާ ދެކޮޅަށެވެ. އެއީ 26 މާރިޗް ވާ ހޯމަ ދުވަހުގެ ރޭ 23:30 ގައެވެ.
އޭގެ އަނެއް ދުވަހު (27 މާރިޗް) 20:50 ގައި ވޯލްޑްކަޕް ބާއްވާ ގައުމުކަމަށްވާ ރަޝިޔާ، ފެވަރިޓުންގެ ގޮތުގައި ބަލާ ޓީމެއްކަމަށްވާ ފްރާންސާއެކު އެކުވެރިކަމުގެ މެޗަކަށް ނުކުންނާނެއެވެ. ހަމަ އެ ރޭ 23:45 ގައި ބެލްޖިއަމް އާއި ސައޫދީ އެރެބިއާ ވާދަކުރާއިރު، ގިނަ ފޭނުން އިންތިޒާރު ކުރާނެ އެއް މެޗަކީ 23:45 ގައި ޖަރުމަނާއި ބްރެޒިލް ވާދަކުރާ މެޗެވެ. ފާއިތުވި ވޯލްޑްކަޕާއި، ކޮންފެޑެރޭޝަން ކަޕް ވެސް ކާމިޔާބު ކޮށްފައިވާ ޖަރުމަނާއި، ވޯލްޑްކަޕް 5 ފަހަރު ހޯދާފައިވާ ބްރެޒިލް އަކީ މިފަހަރުގެ ވޯލްޑްކަޕްގެ ވެސް ފޭވަރިޓުންނަށް ވީއިރު، އެ ދެ ޓީމު ތައްޔާރުވެފައިވާ މިންވަރު ބަލާލަން ތައްޔާރުވާށެވެ.
އެރޭގެ 12 ގެ ފަސް ވެސް އޮތީ ފޯރިގަދަކޮށެވެ. ދަންވި ދަންވިހެން ފޯރިގަދަ ވާގޮތަށެވެ. 00:00 ގައި އިނގިރޭސިން އިޓަލީއާ ދެކޮޅަށް ނުކުންނާނެއެވެ. ރާއްޖެ ގަޑިން 00:30 ގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗު ފެށޭނެއެވެ. އެހެނަސް ސަޕޯޓަރުންނަށް އޮތް އެންމެ ބޮޑު މާޔޫސް ކަމަކީ މެޗުތައް ހުރި ގަޑިތަކުގެ ގޮތުން މި ހުރިހާ މެޗެއް އެކުގައި ބަލާލެވެން ނެތުމެވެ.
ކޮންމެއަކަސް މި އިންޓަނޭޝަނަލް ބްރޭކަކީ ސަޅި މެޗުތަކެއް ހުރި ބްރޭކްއެކެވެ. ޓީމުތައް ވޯލްޑްކަޕަށް ތައްޔާރު ވެފައިވާ މިންވަރު ވަޒަން ކޮށްލަން ރަނގަޅު ފުރުސަތެކެވެ. އެހެނަސް މާ އަވަހަށް ގޮތެއް ނުނިންމައްޗެވެ. ވޯލްޑްކަޕަށް ގައުމުތަކުން ނަގާނެ ޓީމުގައި ހިމެނިދާނެ ކިތަންމެ ކުޅުންތެރިންނެއް މި މެޗުތަކަށް ނެގި ސްކޮޑްގައި ނެތިދާނެއެވެ. ހަމައެގޮތަށް މި މެޗުތަކަށް ނެގި ސްކޮޑްގައި ހިމެނުނު އެހެނަސް ވޯލްޑްކަޕްގެ ސްކޮޑުން ޖާގަ ގެއްލިދާނެ ކިތަންމެ ކުޅުންތެރިންނެއް ވެސް ތިބެދާނެއެވެ.
މަތީގައި ބަޔާން ކުރެވުނު ގިނަ މެޗުތައް ސޮނީ ޓެން 1، ސޮނީ ޓެން 1 އެޗްޑީ، ސޮނީ ޓެން 2 އަދި ސޮނީ ޓެން 2 އެޗްޑީ އިން ވަގުތުން ދައްކާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް