އިއްޔެ އަކީ ހިތްދަތި ކަޅު ދުވަހެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރި އަމުރުގެ އަޑަކީ އަހަން ފަސޭހަ އަޑެއް ނޫން ކަމަށެވެ. ފާއިޒު ވިދާޅުވީ އެއީ ދެ އަޚުންގެ ބޯމައްޗަށް ވައްޓާލެވުނު ކަޅު ބޯ ވިލާގަނޑެއް ކަމަށެވެ.
"މިއީ އެކުގައި މަސައްކަތް ކުރެއްވި ދެ އަޚުންގެ މައްޗަށް ވައްޓާލެވުނު ބަނަ ކަޅު ވިލާގަނޑެއް،" ފާއިޒް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ދެބޭފުޅުންނާއި އެކު މަސައްކަތް ކުރެއްވި އިރު ހިޔާލުތަފާތުވުންތައް އުފެނު ނަމަވެސް އެކުގައި މަސައްކަތް ކުރެވޭތޯ ބެއްލެވި ކަމަށެވެ. އަދި ހުރިހާ ފަނޑިޔާރުން ގުޅިގެން މަސައްކަތް ކުރެއްވީ އިންސާފުވެރި ޝަރުއީ ނިޒާމެއް ބިނާ ކުރެވޭތޯ ކަމަށެވެ.
ފާއިޒު ވިދާޅުވީ ދުއާއަކީ އެ ދެ ބޭފުޅުންނަށް އިންސާފުވެރި ޝަރީއަތެއް މިންވަރު ކުރެއްވުން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް