މެލޭޝިޔާގައި ބާއްވާ އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ތަމްރީން ޕްރޮގްރާމްގައި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވެއްޖެ

މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކައި ފިޔަވަތީގެ މުވައްޒަފުންނަށް ޕަރމާޓާ މެލޭޝިޔާއިން ޚާއްސަ ޓ...

22 Mar 2017 | 09:44

 މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކައި ފިޔަވަތީގެ މުވައްޒަފުންނަށް ޕަރމާޓާ މެލޭޝިޔާއިން ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި އެވެ.

ތިން ހަފްތާގެ މުއްދަތަކަށް މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފިޔަވަތީގައި މަސައްކަތްކުރާ ޖުމްލަ ފަސް ޓީޗަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

"މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ފިޔަވަތީގައި ދިރިއުޅޭ ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަނަށް ޚާއްސަ ޕްރޮގްރާމެއް ފިޔަވަތީގައި ހިންގައި، ކުދިން ޕްރައިމަރީ ސްކޫލަށް ތައްޔާރުވުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން، މި ތަމްރީން ޕްރޮގްރާމް ނިންމުމަށްފަހު، ފިޔަވަތީގައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކުރިއަށްގެންދާގޮތް މޮނިޓަރކުރުމަށާއި މި ޕްރޮގްރާމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުވުމަށްޓަކައި ޕަރމާޓާ މެލޭޝިޔާގެ ފަރާތުން ފިޔަވަތި އަށް ޒިޔާރަތްކުރުމަށްވެސް ވަނީ ރޭވިފައެވެ." ޖެންޑަރ މިނިސްޓްރީން ހާމަކުރެ އެވެ.

އެ މިނިސްޓްރީން ބުނީ ފިޔަވަތީގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިފަދަ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެއްވާފައިވާތީ މިނިސްޓްރީން ޕަރމަޓާ މެލޭޝިއާއަށް ޝުކުރު ދަންނަވާ ކަމަށާއި އަދި ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭކުދިންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރާއްޖެއާއި ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން މުސްތަޤްބަލުގައިވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން މިނިސްޓްރީއިން ގަސްދުކުރާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ކަމުގައިވާ ފިޔަވަތި އިފްތިތާޙްކޮށްފައިވަނީ 17 ފެބްރުއަރީ 2016 ވަނަ ދުވަހުއެވެ. އަދި، މިމަރުކަޒުގައި މިހާރު ދިރިއުޅެމުންދަނީ 10 އަހަރުން ދަށުގެ 85 ކުދިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް