ހަލުވިކަމާއި އެކު ފެތުރެމުންދާ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިގެން އައިޖީއެމްއެޗުގައި 35 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ އެ ހޮސްޕިޓަލުގެ ވޯޑުތަކުގަ އާއި އައިސީޔޫގައި ސްވައިން ފްލޫ ޖެހިގެން 35 މީހުންނަށް ފަރުވާދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ނުވަ މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.
އޭނާ ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ސީރިއަސް އެހެން ބަލިތަކުގައި ފަރުވާ ކުރަމުން ދަނިކޮށް ސްވައިން ފްލޫ ޖެހިފައިވާ މީހުން ކަމަށެވެ. ސްވައިން ފްލޫ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވަނީ ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބަލިތައް ކަމަށްވާ ފުއްޕާމެއާ ނޭވާލާ ނިޒާމުގެ ބަލިތައް ފަދަ ބަލި ހުންނަ މީހުންނެވެ.
އައީޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އެހެން ބަލިތަކުގެ މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ސީރިއަސް ބައްޔަކަށް ފަރުވާދޭން ޖެހޭ މީހަކަށް ނޫނީ ސްވައިން ފްލޫޖެހިފައިވާ މީހުންނަށް ފަރުވާދެމުންދާ އައިސީޔޫއިން އެއްވެސް ފަރުވާއެއް ނުދޭނެ ކަމަށާއި މިގޮތަށް ނިންމީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.
އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވި ކަމުގައި ވިޔަސް އޭޑީކޭގައި އެއްވެސް މީހަކަށް އެޑްމިޓްކޮށްގެން ފަރުވާއެއް ނުދެ އެވެ. އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކުން އިއްޔެ 104 މީހުން ފަރުވާ ހޯދާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް