މުދަލާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ފުނަދޫ ނެރުމައްޗަށް އަރައިފި

މުދާ ހިފައިންގެން މާލެ ކައިރީގައި އޮތް ފުނަދޫއަށް ދަތުރުކުރި "ފެސްކޯ" ނަމަކަށް ކިޔާ ދޯންޏެއް ކ.ފުނަދޫ ނެރުމަށްޗަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފ...

22 Mar 2017 | 06:28

މުދާ ހިފައިންގެން މާލެ ކައިރީގައި އޮތް ފުނަދޫއަށް ދަތުރުކުރި "ފެސްކޯ" ނަމަކަށް ކިޔާ ދޯންޏެއް ކ.ފުނަދޫ ނެރުމަށްޗަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު މިއަދު 08:14 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް އެސަރަހަށްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އަދި މިހާދިސާގައި ނެރުމައްޗަށް އަރާފައި ވަނީ ވިލިމާލެއިން ސިމެންތި ބަރުކޮށްގެން ކ.ފުނަދޫއަށް ދިޔަ "ފެސްކޯ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި މިދޯނި ފުނަދޫ ނެރުމައްޗަށް އަރާފައި ފުނަދޫއަށް ވަންނަން އުޅުމުގެ ތެރޭގައި ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

"މި ދޯނިން ފަސް މީހުން ދަތުރުކުރިއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާދިސާއާއި ގުޅިގެން ދޯނީގެ ވެރިފަރާތުން ގެނައި އެހެން ދޯންޏަކަށް "ފެސްކޯ" ދޯނީގައި ހުރި ސިމެންތި ނެގުމުގެ މަސައްކަތް މިހާދު ދަނީ ކުރަމުންނެވެ. މި ދޯނީގައި ހުރި ސިމެންތި ބަސްތާތައް ހުސްކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ." އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ކ.ފުނަދޫ ނެރުމައްޗަށް އެރި "ފެސްކޯ" ދޯންޏަކީ ށ.ބިލެތްފަހި ދޯންޏެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް