ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ޕީޕީއެމްއިން ބުނީ މުއިޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިރޭ8:00 އަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފުލުހުން މީގެ ކުރިން ވަނީ މުއިޒާ ދެކޮޅަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ޑިސެމްބަރު މަހު މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އެ މައްސަލައިގަ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދައި ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލަ އަކީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ފްލެޓުތަކެއް އަޅަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލް ކުރުމުން އާބިޓްރޭޝަނަށް ހުށަހެޅުމުން މުއިޒު ދައުލަތާއި ދެކޮޅަށް ބަޔާނެއް ދިން މައްސަލަ އެވެ.
އޭޖީ އިބްރާހިމް ރިފްއަތުއާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރު ދިފާއު އާބިޓްރޭޝަންގައި ދަށްވީ މުއިޒު ދެއްވި ބަޔާނުގެ ސަބަބުން ކަމަށެވެ.
ސަރުކާރުން ބުނީ މުއިޒްގެ ބަޔާނުގެ ސަބަބުން ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނު ކަމަށެވެ.
މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ މާލޭގެ މޭޔަރުކަމަށް އޭނާ ނުކުންނަވަން ނިންމެވުމާ އެކު، އެމްޑީޕީ ބިރުގެންފި ކަމަށާއި އޭނާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގަން މި ސަރުކާރުން ނިންމީ އެހެންވެ ކަމަށެވެ.
ރޭ އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މުއިޒަށް ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފަ އެވެ. ނަޝީދުގެ ވާހަކަފުޅުތަކުން އެމްޑީޕީގެ އެންމެ ވާދަވެރި ކެންޑިޑޭޓަކީ މުއިޒު ކަން ދޭހަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް