ޕްރިންސް ހެރީއާ މޭގަންގެ ހުރިހާ އެއްޗެއް ރީބްރޭންޑު ކުރަން ޖެހިފައި!

ޝާހީ އާއިލާގެ ފިއްތުންތަކާއި ހެދި ކަމަށް ބުނެ އަމިއްލަ ދިރިއުޅުމެއް ފަށަން ތައްޔާރުވެފައިވާ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ދެމަފިރިން ބޭނުން ކުރަމުން އައި ހުރިހާ ލަގަބުތަކެއް ރީބްރޭންޑު ކުރަން ޖެހި...

22 Feb 2020 | 02:09

ޝާހީ އާއިލާގެ ފިއްތުންތަކާއި ހެދި ކަމަށް ބުނެ އަމިއްލަ ދިރިއުޅުމެއް ފަށަން ތައްޔާރުވެފައިވާ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ދެމަފިރިން ބޭނުން ކުރަމުން އައި ހުރިހާ ލަގަބުތަކެއް ރީބްރޭންޑު ކުރަން ޖެހިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހެރީ އާއި މޭގަން ޝާހީ ޒިންމާތަކުން އަންނަ މަހުގެ ނިޔަލަށް ދުރުވާނެ އެވެ. ދުރުވުމުގެ ކުރިން ނިންމަންޖެހޭ ފަހުގެ ތައްޔާރީތަކާއި ނިންމުންތައް މިހާރު ދަނީ ނިންމަމުންނެވެ.

އެ ދެމަފިރިންގެ ތަރުޖަމާނު މީޑިއާގައި ބުނެފައިވަނީ ޝާހީ އާއިލާގެ ޒިންމާތަކުން ވީއްލުމުގެ ގޮތުން އެ ދެމަފިރިން ނިންމާފައިވަނީ ޝާހީ އާއިލާ އާއި ގުޅުން ހުރި އެއްވެސް ނަމެއް އެމީހުންގެ ދިރިއުޅުމުގައި ބޭނުުން ނުކުރާށެވެ. އެގޮތުން އެ ދެމީހުން ޝާހީ ލަގަބު ކަމަށްވާ ޑިއުކް އޮފް ސަސެކްސް އާއި ޑަޗެސް އޮފް ސަސެކްސްގެ ލަގަބު ބޭނުން ނުކުރާނެ އެވެ.

އެހެންވެ 11.2 މިލިއަން ފޮލޯވަރުން ތިބި އެ ދެމަފިރިންގެ ރަސްމީ އިންސްޓަގްރާމް ޕޭޖާއި، ވެބްސައިޓުގެ ނަން ރީބްރޭންޑު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި އެ ދެމީހުންގެ ފައުންޑޭޝަންއިން ތައްޔާރު ކުރާ ހެދުމާއި، ފޮތް، ކިޔެވުމަށް ބޭނުން ކުރާ ސާމާނު، ނިދާ ހެދުން ފަދަ އެއްޗެހީގައި ޖެހުމަށް ހަދާ ޓްރޭޑްމާކުގެ މަސައްކަތްވެސް ވަނީ ހުއްޓާލާފައި އެވެ.

އެ މީހުންގެ ތަރުޖަމާނު ބުނެފައިވަނީ ޓްރޭޑްމާކް ރަޖިސްޓްރީ ކުރަން ހުށަހަޅާފައި ވީނަމަވެސް އެކަމަށް އެދުނު ފޯމު އަނބުރާ ނަގާފައިވާ ކަމަށެވެ. އެމީހުން ޓްރޭޑްމާކް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ ސަސެކްސް ރޯޔަލް އަދި ސަސެކްސް ރޯޔަލް ފައުންޑޭޝަންގެ ނަމުގައި އެވެ.

ހެރީ ޝާހީ އާއިލާގެ ޒިންމާތަކުން އެކަހެރިވާން ނިންމުމުން އެ އާއިލާގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އެކަމަކު މިިހާރު އެކަން ހައްލު ކުރެވި ބޮޑެތި ނިންމުންތަކެއް ދަނީ ނިންމަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް