ހޭނެތުނު އިރުވެސް ބިދޭސީއަކަށް ވީތީ އަރުވާނެ ޓެކްސީއެއް ނުވި

އައިލާއާއެކު ޓެކްސީއެއްގައި ތާކަށް ގޮސް މާފަންނު އޭސް ހާޑުވެއާ ކަންމައްޗަށް ޓެކްސީ މަޑުކޮށްލިއިރު ގިނަ ބިދޭސީންތަކެއް ތިއްބެވެ. ދެމީހަކު އައިސް ޓެކްސީ ޑުރައިވަރު ގާތު، މީހަކު އެމަޖެންސީގައި ހޮސްޕިޓަލަ...

22 Feb 2019 | 13:31

އައިލާއާއެކު ޓެކްސީއެއްގައި ތާކަށް ގޮސް މާފަންނު އޭސް ހާޑުވެއާ ކަންމައްޗަށް ޓެކްސީ މަޑުކޮށްލިއިރު ގިނަ ބިދޭސީންތަކެއް ތިއްބެވެ. ދެމީހަކު އައިސް ޓެކްސީ ޑުރައިވަރު ގާތު، މީހަކު އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްދެވިދާނެތޯ އެހިއެވެ. ޑްރައިވަރު އަޑު އިވުނު ކަމަށްވެސް ނަހަދާ އަވަހަށް އެތަނުން ދިޔައީއެވެ.

އޭރު މަގުގެ އެއް ފަރާތެއްގައި ދެ ބިދޭސީއެއްގެ އަތްދަނޑިން ހިފަހައްޓައިގެން ހުރި ބިދޭސީއެއްގެ ފައިގާ ފޮތިގަނޑެއް އޮޅާފައި ހުއްޓެވެ. އޭނާގެ ފައި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ޓެކްސީއެއް ހުއްޓުވޭތޯ އަހަރެންވެސް މަސައްކަތް ކުރީމެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައިވެސް ޕަސިންޖަރަކު ނެތި އެތަނުން ހަތަރު ވަރަކަށް ޓެކްސީ ދިޔައެވެ. އެ ބިދޭސީ މީހާގެ ހާލު ވަރަށް ދެރަކަން ބަލައިލުމުން އެނގެއެވެ. އެއް ފަހަރު ހަބަރު ހުސްވިއެވެ. ނަމަވެސް އެކަކުވެސް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ހަމަ އަޑު އިވޭކަމަށްވެސް ނަހަދައެވެ. ފެންނަ ކަމަށްވެސް ނަހަދައެވެ.

އެންމެފަހުން އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ކުޑަ ޕިކަޕަކަށް ގުޅައިގެން ގެނެސްގެންނެވެ.

އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިއުމުން، ވީ ކިހިނެއްތޯ އެހެން ބިދޭސީއެއް ގާތު އަހާލީމެވެ. ބުނީ ގޯޅިއެއްގެ ކަންމައްޗެއްގައި ބިއްލޫރި އަޅާފައި ހުރި ގޯނިތަކެއް ހުރިއިރު އެ ގޯނިތަކުން ގޯންޏަކަށް އެރި ފައި ކަފައިގެން ދިޔައީ ކަމަށެވެ.

"ހިމަ ގޯޅި ވީމަ ސައިކަލެއް އަންނާތީ ގޮސް އެރީ އެތަނުން ގޯންޏަކަށް، އެ ގޯނީތަކުގައި ހުރީ ތެޅިފައި ހުރި ބިއްލޫރި" މައުލޫމާތު ދިން ބިދޭސީ މީހާ ބުންޏެވެ.

އެ ބިދޭސީ ބުނި ކަންމައްޗަށް ގޮސް އެ ގޯނިތައް އަހަރެންވެސް ބަލައިލީމެވެ. ތެޅިފައި ހުރި ބިއްލޫރި އަޅާފައި ހުރި ހަތަރު ގޯނި އެތާނގައި ހުއްޓެވެ. ނަމަވެސް ފަހުން އެ ގޯނިތައް މިހާރު އެތަނުން ނަގާފައިވާކަން ފާހަގަވެއެވެ.

މިއީ މި މުޖްތަމައުގައި ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ހާއްސަކޮށް ބިދޭސީންނާއިމެދު ދިވެހިން ދެކެނީ ވަރަށް ދެރަވަރުކޮށެވެ. ނަމަވެސް އެއީވެސް ހަމަ އަހަރެމެން ފަދަ އިންސާނުން ނޫންތޯއެވެ. ވިސްނައިލާށެވެ. މިއަދު އަޅައިނުލާ އެތަނުންދާ ޓެކްސީ ޑުރައިވަރު މާދަމާ ބޭރު ގައުމަކަށް ގޮސް އުޅުމުގެ ތެރޭގައި މިފަދަ ހާލަތެއް މެދުވެރި ނުވާނެ ކަމުގެ އޮތީ ކޮން ޔަގީން ކަށަވަރުކަމެއްތޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް