ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްގައި ދައުރެއް އޮތްތޯ ނެތްތޯ ސާފުކޮށްދިނުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަންގައި އެދިލައްވާފައިވާނެ ކަމަށާއި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގައި ފެން ކުންފުނީގެ ޗެއަރމަން އަހްމަދު މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސީމް މިހެން ވިދާޅުވީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި މައުސޫމް ވިދާޅުވެފައިވަނީ އޭސީސީގެ ރިޕޯޓްގައި، އެސް.އޯ.އެފް ކިޔާ ކުންފުންޏަކުން އޭނާގެ ޙިއްސާ އޮންނަ ބައެއް ކުންފުންޏަށް ފައިސާގެ މުޢާމަލާތްތަކެއް ހިންގާފާއިވާ ކަމުގައި ފާހަގަކުރައްވާފައިވީނަމަވެސް މިއިން އެއްވެސް މުޢާމަލާތަކީ ކޮރަޕްޝަންގެ ޢަމަލެއްކަން ނުވަތަ ނޫންކަން އަދި މިއިން އެއްވެސް ޢަމަލަކީ ޤާނޫނާއި ޚިލާފް ޢަމަލެއްކަން ނުވަތަ ނޫންކަންވެސް އެ ރިޕޯޓްގައި ފާހަގަކުރައްވާފައިނުވާ ކަމަށެވެ. އަދި މީގެ އިތުރުން، މިއިން އެއްވެސް ކަމަކަމާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މިހާތަނަށް އޭނާއާއި އެއްވެސް ސުވާލެއްކޮށް ބަޔާނެއް ނަގާފައިނުވާކަން ފާހަހަގަކުރައްވާކަމުގައިވެސް މައުސޫމް ވިދާޅުވެފައިވެއެވެ.
"އިސްވެ ދެންނެވުނު ތަޙްޤީޤީ ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ގޮތުގެ ސަބަބުން ޢާއްމު ރައްޔިތުންގެ ތެރޭގައި އަޅުގަނޑާއި ދޭތެރޭ ނުބައި ތަސައްވަރެއް އުފެދިދާނެތީ ކަންބޮޑުވާކަމުގައި ދަންނަވަމެވެ. އަދި މިއިން އެއްވެސް ކަމެއްގައި އަޅުގަނޑުގެ ފަރާތުން ޤާނޫނާއި ޚިލާފަށް ނުވަތަ ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި މިއެންމެހާ ކަންކަމަށް އަޅުގަނޑުގެ ފަރާތުން ކަމާއި ގުޅޭ އިދާރާތަކަށް ފުރިހަމައަށް ޖަވާބުދާރީ ވެވޭނެ ކަމުގައިވެސް ދަންނަވަމެވެ. މިހެންކަމުން އަޅުގަނޑުގެ ޙިއްސާ އޮންނަ އެއްވެސް ކުންފުންޏަކާއި އެކު އެސް.އޯ.އެފް އިން ކޮށްފައިވާ އެއްވެސް މުޢާމަލާތެއްގައި ޤާނޫނާއި ޚިލާފު ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް މުޢާމަލާތެއްކޮށްފައިވޭތޯ ތަޙްޤީޤް ކޮށްދެއްވާ، އަދި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އެއްވެސް ދައުރެއް އޮތްތޯ ނުވަތަ ނެތްތޯ ޢާއްމުކޮށްދެއްވާ ސާފުކޮށްދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި އާއި މޯލްޑިވްސް ޕޮލިސް ސާވިސްގައި އަޅުގަނޑު އެދިފައިވާނެއެވެ. އަދި މިދެންނެވި ތަޙްޤީޤަށް ދޭންޖެހޭ ފުރިޙަމަ އެއްބާރުލުން އަޅުގަނޑުގެ ފަރާތުން ދޭނެކަމުގައިވެސް ދަންނަވަމެވެ." މައުސޫމްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އިއްޔެގެ ބައެއް ނޫސްތަކުގައި އޭނާއަކީ އެމް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ދާރެއްކަމުގައި ބަޔާންކޮށްފައިވީނަމަވެސް އެއީ ހަޤީޤަތާއި ޚިލާފް ވާހަކައެއްކަމަމަށެވެ. މީގެ 20 އަހަރު ކުރިން އެމް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އޭނާގެ ހިއްސާ އެހެން ފަރާތަކަށް ވާނީ ބަދަލުކޮށްފައި ކަމުގައި ވިދާޅުވެފައިވެއެވެ.
"މިހެންކަމުން ނޫސްވެރިކަމުގެ ތެރޭގައި ކަމުގެ ހަޤީޤަތް ރަނގަޅަށް ހޯދާ އާއްމު ރައްޔިތުންނާއި ހަމައަށް ރަނގަޅު މަޢުލޫމާތު ފޯރުކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." މައުސޫމް ވިދާޅުވެފައިވެއެވެ.
ވިދާޅުވެފައިވަނީ އޭނާއަކީ ވަރަށް ގިނަ ވިޔަފާރިތައް ކުރަމުން އައިސްފައިވާ ފަރާތެއްކަމާއި އަދި ގިނަ ކުންފުނިތަކެއްގެ ޝެއަރ ހޯލްޑްކުރާ ފަރާތެއް ކަމުގައިވެސް ދަންނަވާކަމަށެވެ. މިގޮތުން ގިނަ ކުންފުނިތަކުގައި ދައުރަކީ ސައިލެންޓް ޝެއަރ ހޯލްޑަރެއްގެ ދައުރުކަމާއި ކުންފުނީގެ ހިންގުމުގެ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރި ނުވާކަމުގައިވެސް ފާހަގަކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.
މިގޮތުން، ސީ.ޖީ.ޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވާހަކަވެސް ނޫސްތަކުގައި ބަޔާންކޮށްފައިވާތީ ދަންނަވަންއޮތީ އެކުންފުންޏަކީ ގިނަ ޝެއަރ ހޯލްޑަރުންތަކެއް ތިބި ކުންފުންޏަކަށް ވީހިނދު އެކުންފުނީގައި އަޅުގަނޑުގެ ދައުރަކީ ސައިލެންޓް ޝެއަރ ހޯލްޑަރެއްގެ ދައުރުކަމާއި އެކުންފުނީގެ ދުވަހުން ދުވަހުގެ މުޢާމަލާތްތަކުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމުގައިވެސް ދަންނަވަމެވެ." މައުސޫމް ވިދާޅުވެފައިވެއެވެ.
މައުސޫމް ވިދާޅުވެފައިވަނީ އެހެނިހެން ވިޔަފާރިތަ ކެކޭވެސް އެއްފަދައިން އޭނާ ހިއްސާވާ ވިޔަފާރިތަކަކަކީވެސް ޑޮލަރު ގަނެގެން ރާއްޖޭން ބޭރުން މުދާގެނެސް ކުރާ ވިޔަފާރިތަކަށް ވީހިނދު، ޑޮލަރު ގަތުމުގެ އެއްވެސް މުޢާމަލާތެއް އެސް.އޯ.އެފް އާއެކު އޭނާގެ ޙިއްސާއެއް އޮންނަ އެއްވެސް ކުންފުންޏަކުން ކޮށްފައިވާނަމަ އެކަމުގައި އާދަޔާހިލާފު އެއްވެސް ކަމެއް ނުވާނެ ކަމާއި އަދި ގަނެފައިވާ ކޮންމެ ޑޮލަރަކަށް އޭގެ އަގު ފުރިހަމައަށް އަދާކޮށްފައިވާނެ ކަމުގެ ޔާގީންކަން އަރުވާކަމަށެވެ. އަދި އެކަމާގުޅޭ އެންމެހާ ލިޔެކިޔުންތަކުން އެކަން ސާބިތުކޮށްދެވޭނެ ކަމުގައިވެ ދަންނަވާކަމަށާއި އަދި ކަމާއި ގުޅޭ ތަޙްޤީޤީ އިދާރާތަކަށް މިކަމުގެ މަޢުޟޫމާތުތައް ޙިއްސާކޮށް ވީ އެންމެ އަވަހަށް ރައްޔިތުންނާއި ހަމައަށް މިކަމުގެ ފުރިހަމަ ހަޤީ ޤަތްތައް ހާމަވުމަށް އޭނާ އެދޭކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީގެ 33ވަނަ މާއްދާގެ ދަށުން ހަމަކޮންމެ ދިވެހިރައްޔިތަކަށްވެސް ލިބިދީފައިވާ ފަދައިން ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ޙައްޤު އޭނާއަށްވެސް ލިބިދީފައިވީ ހިނދު، އަދި އިސްވެ ދެންނެވުނު ތަޙްޤީޤީ ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ގޮތުގެ ސަބަބުން ޢާއްމު ރައްޔިތުންގެ މެދުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައިމިވާ ދަނޑިވަޅުގައި، ކަމާއިގުޅޭ އެންމެހާ ހަޤީޤަތްތައް ހާމަވެގެން ދިޔުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. އޭނާ އަކީ އަބަދުވެސް ޤާނޫނާއި ޚިލާފްކަންކަމާއި އަދި ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކުރަމުން އައިސްފައިވާ ފަރާތެއް ކަންވެސް އެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް