ކ. މާފުށިން މިދުވަސްވަރު ފެންނަމުންދާ ފައިދިގު މަކުނުގެ ވަރަށް ވިހަ ގަދަ ވައްތަރެއް ކަމަށްވާ "ބްރައުން ވިޑޯ" އެ އަތޮޅުގެ އިތުރު ރަށްތަތަކުން ފެންނަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ ތުލުސްދޫ އާއި ހުރާއިންވެސް ބްރައުން ވިޑޯ ފައިދިގު މަކުނު ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ އިދާރާއިން ދަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ހެލްތް މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން އެ ވައްތަރުުގެ ފައިދިގު މަކުނު ހޯދާ ނައްތާލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ހެލްތް މިނިސްޓްރީން ލަފާދީފައިވަނީ ބްރައުން ވިޑޯއެއް ނުވަތަ އޭގެ ބިހެއް ފެނިއްޖެ ނަމަ އަންދާލުމަށެވެ.
ފުލުހުން ވަނީ މަގުމަތީގައި ހުންނަ ޖޯލިފަތި، ގޮނޑީގައި އިށީންނައިރު އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ. މާފުށީ ކައުންސިލުން ބުނީ އެ ރަށުގެ ބައެއް ގޭގެއިންވެސް ބްރައުން ވިޑޯ ފައިދިގު މަކުނު ފެންނަމުންދާ ކަމަށެވެ.
ބްރައުން ވިޑޯ އަކީ ރާއްޖެއިން ކުރިން ފެނުނު ބްލެކް ވިޑޯއަށް ވުރެ ވަރުގަދަ ވިހައެއް ހުންނަ ބާވަތެކެވެ. އެކަމަކު ކަށިޖެހުމުގައި ދޫކުރާ ވިހައިގެ މިންވަރު މަދުވުމުން އެއީ، ބްލެކް ވިޑޯއަށް ވުރެ އިންސާނުންނަށް ނުރައްކާތެރިކަން ކުޑަ އެއްޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް