ރާއްޖެ އަންނަ މީހުން ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން ފަށައިފި

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ހުރި މީހަކު ރާއްޖެ އެތެރެވޭތޯ ބެލުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްކްރީން ކުރަން ފަށައިފި އެވެ. އެއާޕޯޓުގައި ސްކްރީން ކުރަން ފަށާފައި މިވަނީ އެކަން ކުރ...

22 Jan 2020 | 07:30

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ހުރި މީހަކު ރާއްޖެ އެތެރެވޭތޯ ބެލުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްކްރީން ކުރަން ފަށައިފި އެވެ.

އެއާޕޯޓުގައި ސްކްރީން ކުރަން ފަށާފައި މިވަނީ އެކަން ކުރަން ފެށުން ލަސްވެއްޖެ ކަމަށް ރާއްޖޭގެ ސިއްހީ ތަޖުރިބާކާރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވެފައިވަނިކޮށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ އެއާޕޯޓުތަކުގައި މިހާރު އެ ބައްޔަށް ސްކްރީން ކުރަން ވަނީ ފަށާފައި އެވެ.

ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކުރަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ. ވީއައިއޭއިން ރާއްޖެ އަށް އެތެރެވާ މީހުން ސްކްރީންކުރަން ފެށީ ހަމަ އެކަނި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި ރާއްޖޭން އަދި އެބަލި ފެނިފައި ނުވާ ކަމަށް އެބަޔާނުގައި ބުންޏެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވާ މީހުން ސްކްރީން ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އޮފް މޯލްޑިވްސް އިން ވަނީ ފަށާފަ އެވެ. މިފިޔަވަޅުތަކަކީ ހަމަ އެކަނި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއް ކަމާއި ރާއްޖޭންް އަދި ކޭސް އެއް ފެނިފައި ނުވާކަން އެންމެހާ ދަތުރުވެރިންނަށް ކަށަވަރުކޮށްދެމެވެ،" ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީންނެވެ. މިހާތަނަށް މި ބަލީގައި އެގައުމުން ނުވަ މީހަކު ވަނީ މަރުވެފައި އެވެ.

ކޮރޯނާ ވައިރަސް އަކީ ޖަނަވާރުންނަށް ޖެހޭ ވައިރަސް އެކެވެ. މި ބަލި ޖަނަވާރުންގެ ފުށުން އެރިޔަސް އާންމުކޮށް އިންސާނުންގެ ގައިން އެހެން އިންސާނުންގެ ގަޔަކަށް ނާރައެވެ. އެކަމަކު ޗައިނާގެ ސިއްހީ މާހިރުން ވިދާޅުވާގޮތުގައި މިހާރު ފެތުރެމުންދާ ވައިރަސް އަކީ ގައިން ގަޔަށް އަރާ ވައިރަސް އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް