ބާސެލޯނާއާ އަލަށް ގުޅުނު ކުޅުންތެރިޔާގެ އަމާޒަކީ އެލް ކްލަސިކޯ ލަނޑު ޖެހުން

ސްޕެއިންގެ ބާސެލޯނާއިން، އިޓަލީގެ ސަސުއޯލޯއަށް ކުޅެމުން ދިޔަ ކެވިން-ޕްރިންސް ބޯޓެންގް ގަނެފައިވާކަން ރަސްމީކޮށް ހާމަކޮށްފިއެވެ. މެދުތެރެއާއި ކުރިއަށް ވެސް ކުޅުމުގެ ގާބިލްކަން ލިބިފައިވާ އުމުރުން 31 އަ...

22 Jan 2019 | 02:51

ސްޕެއިންގެ ބާސެލޯނާއިން، އިޓަލީގެ ސަސުއޯލޯއަށް ކުޅެމުން ދިޔަ ކެވިން-ޕްރިންސް ބޯޓެންގް ގަނެފައިވާކަން ރަސްމީކޮށް ހާމަކޮށްފިއެވެ.

މެދުތެރެއާއި ކުރިއަށް ވެސް ކުޅުމުގެ ގާބިލްކަން ލިބިފައިވާ އުމުރުން 31 އަހަރުގެ ބޯޓެންގް ބާސެލޯނާއިން ގަތީ މި ޓްރާންސްފާ ބާޒާރުގައި އެ ޓީމު ދޫކޮށް ގޮސްފައިވާ މުނީރު އަލް ހަދީދީގެ ބަދަލުގައެވެ.

ބާސެލޯނާގެ މި ޓްރާންސްފާ ހައިރާން ކުރަނިވި ޓްރާންސްފާއަކަށް ވެގެން ގޮސްފައިވާއިރު، މިއަދުގެ ވަގުތެއްގައި ކްލަބާއި ކުޅުންތެރިޔާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމާއެކު، ބާސާގެ ކޭމްޕް ނޯ ދަނޑުގައި ފޮޓޯ ސެޝަން އަކާއި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާނެކަމަށް ބެލެވެއެވެ.

ބާސާއިން ބޯޓެންގް ގެ ޓްރާންސްފާ ކަށަވަރު ކޮށްދިނުމުގެ ކުރިން އޭނާ ވަނީ ސްކައި ސްޕޯޓްސްއަށް ދިން ބަސްދީގަތުމެއްގައި ބާސާއާ ގުޅެން އުޅޭކަން ހާމަކޮށްފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ދީފައިވާ ބަސްދީގަތުމެއްގައި ރެއާލްއަށް ކުރި ތައުރީފު އެއް ފަރާތް ކުރުމަށް، އުންމީދަކީ ރެއާލްގެ ދަނޑުގައި ދެން ކުޅޭ އެލް ކްލަސިކޯ މެޗުގައި ރެއާލް ކޮޅަށް ލަނޑު ޖެހުން ކަަމަށް ވެސް ބުނެފައިވެއެވެ. 2017 ވަނަ އަހަރުގެ އެ ބަސްދީގަތުމުގައި ބޯޓެންގް ބުނެފައިވަނީ ބާސެލޯނާއަށްވުރެ ބޮޑަށް ރެއާލްއަށް ދާން ބޭނުންވާ ކަމަށާއި، ކެރިއަރުގެ ކުރީކޮޅު ބުރަކޮށް މަސައްކަތް ކުރެވުނު ނަމަ، ރެއާލްއާ ގުޅުމުގެ ފުރުސަތު ވެސް ލިބުނީސް ކަމަށެވެ.

މީގެ ކުރިން ވެސް ލަލީގާގައި ކުޅެފައިވާ ބޯޓެންގް ވަނީ ލަސް ޕަލްމާސްއަށް ކުޅެދިން 28 މެޗުން 10 ލަނޑު ޖަހާފައެވެ. އަދި ބުންޑަސްލީގާގައި ފްރެންކްފާޓްއަށް ކުޅެދިން 31 މެޗުން 6 ލަނޑު ޖަހާފައިވެއެވެ. އެންމެ ފަހުން ސަސުއޯލޯއާ ވަކިވިއިރު އިޓާލިއަން ލީގުގައި ކުޅުނު 13 މެޗުން ޖެހިފައިވަނީ 4 ލަނޑެވެ. އެހެނަސް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ފަހުން އޭނާއަށް އަދި ލަނޑެއް ޖެހިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް