ނިމިދިޔަ 2017 ވަނަ އަހަރު ނިމުނު އިރު، އޭގެ ކުރީ އަހަރު ކަމުގައިވާ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވަށް 26 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭ އިން މިކަން ހާމަކޮށްފައިވަނީ މަހަކު އެއް ފަހަރު އެ އޮތޯރިޓީން ނެރެމުން އަންނަ އިގްތިސާދީ ރިވިއުގައި އެވެ.
އެ ރިވިއުގައި ބުނެފައިވާގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 586.2 މިލިއަން ޔޫއެސް ޑޮލަރުގައި އެވެ.
ރާއްޖޭގެ ރިޒާވަކީ، މަރުކަޒީ ބޭންކް ކަމުގައިވާ އެމްއެމްއޭގައި އެމެރިކާ ޑޮލަރުން ހުންނަ ރިޒާވެކެވެ. މި ރިޒާވަށް ކުރިއެރުމެއް ލިބިފައިވާކަމުގައި އެމްއެމްއޭއިން ހާމަކޮށްފައިވާއިރު ޔޫޒަބަލް ރިޒާވަށްވެސް ކުރީ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ކުރިއެރުން ލިބިފައިވާކަމުގައި އެމްއެމްއޭއިން ހާމަކޮށްފައި އެވެ.
އެމްއެމްއޭގެ އިގްތިސާދީ ރިވިއުގައި ވާގޮތުގައި ނިމިދިޔަ 2017 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް މަސްވެރިކަމުގެ ސިނާއަތް މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ. އެގޮތުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ކުންފުނިތަކަށް ވަނީ 7920 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަމަށާއި މިއީ 2016 ވަނަ އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު 14 ޕަސެންޓް އިތުރު އަދަދެއް ކަމުގައި ހާމަކޮށްފައި ވެ އެވެ. މީގެ އިތުރުން މިއީ ފާއިތުވެދިޔަ އޮކްޓޫބަރު މަހާ އަޅާބަލާއިރު 56 ޕަސެންޓް އިތުރު އަދަދެއް ކަމުގައިވެސް ހާމަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް