ސްޕެނިޝް ލީގުގައި ސުއަރޭޒްގެ 100 ވަނަ ލަނޑު. ބާސާއަށް ބޮޑު މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ރެއަލް ބެޓިސްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު މޮޅެއް ބާސެލޯނާއިން ހޯދިއިރު، އެ ޓީމުގެ ސެންޓަރ ފޯވާޑް ލުއިޒް ސުއަރޭޒް ރޭގެ މެޗުގައި ޖެހި ލަނޑުތަކާއެކު ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބު...

22 Jan 2018 | 04:58

ސްޕެނިޝް ލީގުގައި ރޭ ރެއަލް ބެޓިސްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު މޮޅެއް ބާސެލޯނާއިން ހޯދިއިރު، އެ ޓީމުގެ ސެންޓަރ ފޯވާޑް ލުއިޒް ސުއަރޭޒް ރޭގެ މެޗުގައި ޖެހި ލަނޑުތަކާއެކު ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބު ކުރި ލަނޑުގެ އަދަދު 100 އަށް އަރައިފިއެވެ.

މިއާއެކު ސުއަރޭޒް ވެފައިވަނީ ޑިއޭގޯ ފޯލާން އަށް ފަހު ސްޕެނިޝް ލީގުގައި ޖެހި ލަނޑުން ސައްތައެއް ހަމަކުރެވުނު އުރުގުއޭއަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާއަށެވެ. އުރުގުއޭގެ ކުރީގެ ތަރި ޑިއޭގޯ ފޯލާން ވަނީ އެތުލެޓިކޯއަށް ކުޅުނުއިރު 128 ލަނޑު ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗުގައި ސުއަރޭޒް ދެ ލަނޑު ޖެހިއިރު ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި އޭނާ ކާމިޔާބު ކުރީ އީވާން ރަކިޓިކް ނަގައިދިން ހުރަހަކުންނެވެ. މިއީ ރޭގެ މެޗުގައި ބާސެލޯނާ ޖެހި ތިން ވަނަ ލަނޑެވެ. ދެވަނަ ލަނޑެއް ޖަހައި ސުއަރޭޒް ސައްތަ ހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ވެސް ވަނީ 2 ލަނޑު ޖަހާފައެވެ. 64 ވަނަ މިނިޓުގައި އަދި 80 ވަނަ މިނިޓުގައި މެސީ ލަނޑުތައް ޖެހިއިރު، ސުއަރޭޒްގެ ދެ ވަނަ ލަނޑު ޖެހުމަށް މަގުފަހިކޮށްދިނީ (އެސިސްޓް) ވެސް މެސީއެވެ. މިއާއެކު މެސީ މި ވަނީ ސްޕެނިޝް ލީގުގައި ޖެހިޖެހިގެން 5 މެޗުގައި ލަނޑު ޖަހަން އެހީތެރި (އެސިސްޓް) ވެދީފައެވެ.

ރޭގެ މެޗުގައި ބާސެލޯނާއަށް ދެން ލަނޑު ޖަހައިދިނީ އީވާން ރަކިޓިޗެވެ.

މި މޮޅާއެކު ބާސެލޯނާއަށް މި ވަގުތު ލީގު ތާވަލުގެ އެއް ވަނައިގައި 11 ޕޮއިންޓްގެ ބޮޑު ލީޑެއް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް