ނުރަނގަޅު ފައްތަރެއްގައި އޮތް ރެއާލް މެޑްރިޑަށް ތަފާތު ބޮޑު މޮޅަކާއެކު ހިތްހަމަޖެހުން

ސްޕެނިޝް ލީގުގައި ރޭ ޑީޕޯޓިވޯ ލާ ކޮރޫނާ ކޮޅަށް 7 ލަނޑު ޖަހައި، ހޯދި ބޮޑު މޮޅާއެކު ރެއާލް މެޑްރިޑް ހަމަޖެހިލައިފިއެވެ. ދަށް ނަތީޖާތަކެއްގެ ސަބަބުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ރެއާލް މެޑްރި...

22 Jan 2018 | 02:42

ސްޕެނިޝް ލީގުގައި ރޭ ޑީޕޯޓިވޯ ލާ ކޮރޫނާ ކޮޅަށް 7 ލަނޑު ޖަހައި، ހޯދި ބޮޑު މޮޅާއެކު ރެއާލް މެޑްރިޑް ހަމަޖެހިލައިފިއެވެ. ދަށް ނަތީޖާތަކެއްގެ ސަބަބުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ރެއާލް މެޑްރިޑަށް މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު 3 މެޗުން ވެސް މޮޅެއް ހޯދިފައި ނެތުމާއެކު މި ނަތީޖާއަކީ އުނދަގޫ ހާލަތުން އަރައިގަތުމަށް މުހިންމު ނަތީޖާއެކެވެ.

ރެއާލް މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޑިޕޯޓިވޯ އިންނެވެ. މެޗުގެ 23 ވަނަ މިނިޓުގައި އެޑްރިއަން ލޮޕޭޒް މި ލަނޑު ޖެހީ ލޫކަސް ޕެރޭޒް އޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ.

ޑިޕޯޓިވޯގެ ލަނޑާއެކު މެޑްރިޑްގެ ދަށް ނަތީޖާތަކަށް އިތުރު ބޮޅެއް އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ފުލުފުލުގައި އެޓޭކްތައް އުފައްދާ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލާފައެވެ. މާސެލޯގެ މޮޅު ކުޅުމާއެކު ދިން ހިތްގައިމު ބޯޅައަކުން ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ނަޗޯއެވެ. އަނެއްކާވެސް މާސެލޯގެ އެހީތެރިކަމާއެކު ރެއާލް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނެގީ ބޭލް 42 ވަނަ މިނިޓުގައި ޖެހި ލަނޑާއެކުގައެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 58 ވަނަ މިނިޓުގައި ބޭލް ވަނީ ދެ ވަނަ ލަނޑެއް ކާމިޔާބު ކޮށްފައެވެ. އޭގެ 10 މިނިޓު ފަހުން ރޮނާލްޑޯގެ އެހީތެރިކަމާއެކު މޮޑްރިޗް ޖެހި ލަނޑުން ރެއާލްއިން ލީޑު ފުޅާ ކުރިއެވެ.

އެއަށްފަހު ފެނިގެން ދިޔައީ މި ސީޒަނުގައި ލީގުގައި ލަނޑު ނުޖެހުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރޮނާލްޑޯގެ ދެ ލަނޑެވެ. 78 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖެހިއިރު ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 84 ވަނަ މިނިޓުގައެވެ. މި ލަނޑު ޖަހަން، ލޫކަސް ވަޒްކުއޭޒް ނަގައިދިން ހުރަހަށް ވެއްޓިގަނެފާ ރޮނާލްޑޯ ބޮލުން ބޯޅަ ފޮނުވާލިއިރު، ޑިޕޯޓިވޯގެ ޑިފެންޑަރެއް ހޫރާލި ފައި ރޮނާލްޑޯގެ ބޮލަށް އަމާޒުވެ ބޯ ފަޅައިގެން ދިއުމާއެކު އޭނާ ބަދަލުކުރަން ޖެހުނެވެ.

ރެއާލް މެޑްރިޑްގެ 7 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރ ނަޗޯ ފެނާންޑޭޒް އެވެ. މިއީ މި މެޗުގައި އޭނާ ކާމިޔާބު ކުރި ދެ ވަނަ ލަނޑެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑް ވަނީ ވިލަރެއާލް ފަހަތަށް ޖައްސާލުމަށްފަހު 4 ވަނައަށް އަރާފައެވެ. 3 ވަނައިގައި އޮތް ވެލެންސިއާ އަށްވުރެ ރެއާލް މެޑްރިޑް 1 މެޗުން މަދުން ކުޅެފައިވާއިރު ދެ ޓީމުގެ ދެމެދު 5 ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ. އަންނަ ހަފުތާގައި މި ދެ ޓީމު ވަރުގަދަ ކުރިމަތިލުމަކަށް ނުކުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް