ޔަމަނުގެ ދާހިލީ ހަނގުރާމައަށް އަދިވެސް ނިމުމެއް އައިސްފައިނުވާއިރު ތިން އަހަރަށްފަހު އެ ގައުމުގައި ދައުލަތުގެ ބަޖެޓެއް އެކުލަވާލައިފި އެވެ.
އެންމެ ފަހުން އެގައުމުގައި ދައުލަތުގެ ބަޖެޓެއް އެކުލަވާލާފައިވަނީ 2014 ވަނަ އަހަރުގައި އެވެ. އެއަށްފަހު ފާއިތުވި ތިން އަހަރު ދައުލަތް ހިންގަމުން ގޮސްފައިވަނީ ސައުދީގެ މާލީ އެހީތެރިކަމާއި އެކުގައި އެވެ. މިއީ ހޫތީން އެގައުމުގެ ވެރިރަށް، ސަނާއަށް ވެރިވެގަތްފަހުން އެކުލަވާލި ފުރަތަމަ ބަޖެޓުވެސް މެއެވެ.
ދައުލަތުގެ ބަޖެޓު އިއުލާނު ކުރައްވަމުން އެގައުމުގެ ބޮޑުވަޒީރު އަހުމަދު ބިން ދާގަރު ވިދާޅުވީ 2018 އަށް ލަފާކުރާ ބަޖެޓަކީ 1.8 ޓްރިލިއަން ޔަމަނީ ރިއާލް ކަމަށާއި އާމްދަނީގެ ގޮތުގައި 978 ބިލިޔަން ޔަމަނީ ރިއާލު ލިބޭނެ ކަމުގައި ލަފާ ކުރެވޭ ކަމަށެވެ.
ޔަމަނުގައި ދާހިލީ ހަނގުރާމަ އަށް ތިން އަހަރުވެފައިވާއިރު ވެރިރަށް ސަނާ އޮތީ ހޫތީންގެ ބާރުގެ ދަށުގައި އެވެ. ސަރުކާރު ހިންގަމުން އަންނަނީ އެގައުމުގެ އައްސޭރިފަށުގައި އޮންނަ ސިޓިއެއް ކަމުގައިވާ އަދަންގައި އެވެ. ޔަމަނު ދާހިލީ ހަނގުރާމައިގާ އެގައުމުގެ ސަރުކާރަށް އެންމެހާ ބާރުތަކެއް ހޯދައިދިނުމަށް ސައުދީން އެ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާއިރު އިރާނުން ވާގިވެރިވަމުން އަންނަނީ ހޫތީންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް