ހަރުކަށި ފިކުރު ފެތުރުމާ އަބަދުވެސް ދެކޮޅުހަދާކަމަށް މަކްތަބާ ސަލަފިއްޔާއިން މިއަދު ބުނެފިއެވެ.
އިލްމުވެރިންތަކެއް ހިމެނޭ މަކްތަބާ ސަލަފިއްޔާއިން އެހެން މިއަދު ބުނެފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކައްކާކަމަށް ބުނާ އިލްމުވެރިޔަކާއި ހަނގުރާމައަށް މީހުން ފޮނުވުމަށް ބާރުއަޅާ ފަތުވާ ދޭކަމަށް ބުނެ ދެ އިލްމުވެރިއެއްގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކޮށްފައިވާއިރު އެ ތިން އިލްމުވެރިން ހިމެނެނީ މަކްތަބާ ސަލަފިއްޔާއަށެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ހުއްދަ ހިފަހައްޓާފައިވާ މުހައްމަދު ހަސަން ވިދާޅުވީ ހަރުކަށި ފިކުރަށް އެ ޖަމާއަތް ތާއީދުކުރާކަމަށް ތުހުމަތު ކުރަމުންދިޔަނަމަވެސް އެ ޖަމިއްޔާއިން އަބަދުވެސް އެކަމާ ދެކޮޅަށް ވާހަކަދައްކާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމުގެ ވެރިޔާ ހުއްދަ ނެތި އެއްވެސް ހަނގުރާމައެއްގައި ބައިވެރިވުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށް މަޝްހޫރު އިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ކަމަށެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ދައްކާފައިހުރި ވާހަކަތަކުގެ ސްކްރީންޝޮޓްތައް ނޫސްވެރިންނަށް ދައްކަމުން މަކްތަބާ ސަލަފިއްޔާއިން ބުނީ ދީނުގެ ނަމުގައި މީހުން މެރުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައި ހުރީ އެހެން ބައެއް އިލްމުވެރިން ކަމަށެވެ.
އެގޮތުން ދެއްކި ސްކްރީން ޝޮޓްތަކުގެ ތެރޭގައި ޑރ. އިޔާޒް އާއި ޝެއިޚް ނިޝާން އާއި ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް އަބްދުﷲ ސޯޝަލް މީޑިއާގައި ދައްކާފައިވާ ބައެއް ވާހަކަތަކުގެ ސްކްރީން ޝޮޓްތައް ދައްކާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް