ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ސްރީލަންކާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ބަންޑުލާ ގުނަވަރުދަނަ ވަނީ ދިވެހި ދަރިވަރުންނަށް ސްރީލަންކާއިން ލިބެންހުރި މަތީ ތައުލީމްގެ ފުރުސަތުތަކާއި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ބެހޭގޮތުން މަޢުލޫމާތުތައް ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ޙަސަންއާއި ހިއްސާ ކުރައްވާފައެވެ.
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ޙަސަން ވަނީ ސްރީލަންކާގައި ޕައިލެޓް ކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާއިބެހޭގޮތުން މަޝްވަރާކުރައްވާ މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ސްރީލަންކާގެ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންއަށް ދަންނަވާފައެވެ.
މިބައްދަލުކުރެއްވުމުގައި ސްރީލަންކާއިން މަތީ ތައުލީމުގެ ސްކޮލަރޝިޕް ފުރުސަތުތައް ކޮމްޕިއުޓަރ ސައިންސް، އިންޖިނިއަރިންގް އަދި ފައިނޭންސްގެ ދާއިރާއިން ދެއްވާނެ ކަމަށް މިނިސްޓަރ ބަންޑުލާ ގުނަވަރުދަނަ ވިދާޅުވިއެވެ. އަދި މިނިސްޓަރ ޑރ އިބްރާހިމް ހަސަންގެ އެދި ލެއްވުމާއިއެކު ދިވެހި ދަރިވަރުންނަށް ސްރީލަންކާގައި އެމް.ބީ.ބީ.އެސް ކިޔެވުމަށް ވެސް ސްކޮލަރޝިޕްގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ބަންޑުލާ ގުނަވަރުދަނަ ވަނީ ފާހަގަ ކުރައްވާފައެވެ . އަދި މިނިސްޓަރ ބަންޑުލާ ގުނަވަރުދަނަގެ ވާހަކަފުޅުގައި މިހާރުވެސް ވަރަށް ގިނަ ދިވެހި ރައްޔިތުން ސްރީލަންކާގައި ބޭސްފަރުވާ ކުރުމަށާއި ކިޔެވުމަށް ދާކަން ފާހަގަ ކުރައްވާފައިވެއެވެ.
މިނިސްޓަރ ޑރ އިބްރާހިމް ހަސަންގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެކިގޮތްގޮތުން ސްރީލަންކާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަތީ ތައުލީމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް