ހުއްދައިގެ ބޭރުން މެންދޫގައި މަގެއް ހެދީތީ ދެ ލައްކަ ހަތްދިހަ ފަސްހާހުން ޖޫރިމަނާކޮށްފި

ދަނޑުވެރިކަމަށް ލ. މެންދޫ ދޫކޮށްފައިވާ ފަރާތަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ބޭރު އެ ރަށުގައި މަގެއް ހެދީތީ އެ ރަށުގައި ދަނޑުވެރިކަންކުރާ ފަރާތް 275،0...

21 Nov 2019 | 11:09

ދަނޑުވެރިކަމަށް ލ. މެންދޫ ދޫކޮށްފައިވާ ފަރާތަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ބޭރު އެ ރަށުގައި މަގެއް ހެދީތީ އެ ރަށުގައި ދަނޑުވެރިކަންކުރާ ފަރާތް 275،000 (ދެލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ބުނެފައިވާގޮތުގައި އެ ރަށަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ސ. މަރަދޫ އަސްރާރުމާގޭ ހަސަން އާދިލަށް އީޕީއޭއިން ދޫކޮށްފައިވާ ރަށެކެވެ.

އީޕީއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި އެ ރަށުގައި ދަނޑުވެރިކަން ކުރުމުގެ ގޮތުން 10 ސެޕްޓެމްބަރ 2018ގައި ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް އެ އެޖެންސީން ހުށަހަޅާ 25 ނޮވެމްބަރު 2018ގައި އެ ރިޕޯޓް ފާސްކޮށް އެ އެޖެންސީން ވަނީ ތިމާވެށީގެ ނިންމި ގޮތުގެ ލިޔުން ދޫކޮށްފައެވެ

އެހެންނަމަވެސް އެ ހުއްދައިގެ ބޭރުން ރަށުގެ އިރުއުތުރުފަރާތުން ރުށްގަސް ނަގައި 4،822 (ހަތަރު ހާސް އަށްސަތޭކަ ބާވީސް) އަކަމީޓަރުގެ ސަރަހައްދެއް ސާފުކޮށް މަގެއް ހަދާފައިވާކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން 275،000 އިން އޭނާ ޖޫރިމަނާކޮށްފައިވާކަމަށާއި އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް