އެމްއެންޑީއެފް ކޯސްޓްގާޑުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "އޮޕަރޭޝަން ނިޔާމަ" މިއަދު ފަށައިފިއެވެ.
މިއީ ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ކޮންމެ އަހަރެއްގެވެސް ބޮޑުޗުއްޓީގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި އުޅަނދުފަހަރުގައި ޕަސިންޖަރުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް އުފުލާތޯއާއި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބަލަމުން ގެންދާނެއެވެ.
އެގޮތުން މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލާނެއެވެ.
މި އޮޕަރޭޝަން މާލޭގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދާނެއެވެ. އަދި މާލެއާއި ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރުތަކާއި ކަނޑުމަގުން ބައެއް އުޅަނދުތައް ކޯސްޓްގާޑުން ޗެކްކުރަމުން ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް