ތައްޓަށްތަ، ޓައްޕަށްތަ؟: އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ފެން ކުންފުނީގެ އިސްނެގުމެއް

ދިވެހީންވެސް އާންމުގޮތެއްގައި ދަންނާނެ އިނގިރޭސި ހަރުބަހެއްގައި "ޕްރެވެންޝަން އިޒް ބެޓަރ ދޭން ކިޔޯރ" އޭ ބުނެފައިވެއެވެ. މާނައަކީ އެންމެ މޮޅު ގޮތަކީ ބަލި ވުމުގެ ކުރިއަށް ބަލިން ރައްކާތެރިވެވޭނޭހާ ގޮތެއ...

21 Nov 2019 | 06:19

ދިވެހީންވެސް އާންމުގޮތެއްގައި ދަންނާނެ އިނގިރޭސި ހަރުބަހެއްގައި "ޕްރެވެންޝަން އިޒް ބެޓަރ ދޭން ކިޔޯރ" އޭ ބުނެފައިވެއެވެ. މާނައަކީ އެންމެ މޮޅު ގޮތަކީ ބަލި ވުމުގެ ކުރިއަށް ބަލިން ރައްކާތެރިވެވޭނޭހާ ގޮތެއް ދުރާލާ އިހުތިޔާރު ކުރުމެވެ.

ތޮއްޖެހިފައިވާ މި ފުރަމާލޭގައި ކޮންމެވެސް ބައްޔެއް ނުފެތުރޭ ދުވަސްވަރެއް މިހާރު ނުދެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޑެންގޫ ހުމާއި އިންފްލުއެންޒާފަދަ ރޯގާތައް ދިވެހި މި ކުޑަކުޑަ މުޖްތަމައުގައި މިވަނީ އާންމުވެފައެވެ. އެފަދަ ބަލިތަކުން ރައްކާތެރިވުމަށްވެސް ދުރާލާ ކުރެވޭނެ އެންމެ މޮޅު ކަމަކީ ރައްކާތެރިވެވޭނޭހާ ގޮތްގޮތް ދުރާލާ ހިޔާރު ކުރުމެވެ.

މާލޭގައި ފެން ހިންދާ ނިޒާމަށް ޖެހޭ މައްސަލަތަކަކީވސް މިހާރު ބޮޑު މައްސަލައެކެވެ. ހާއްސަ ގޮތެއްގައި ވިއްސާރަ ދުވަހެއްގައި މި މައްސަލަ ދިމާވާލެއް އިތުރުކަން ފާހަގަކުރެވެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަވެގެންދާނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާ ދުވަހެއްގައި އަމީނީ މަގުންނެވެ. ބައެއް ޖަންކްޝަންތައް ފުރިގެން މައްޗަށް އަރާގޮތް ވެއެވެ. އަދި އެ ޖަންކްޝަންތަކުން ނިކުންނަ ހުރިހާ އެއްޗެއް ފެނާ ތަޣައްޔަރުވެގެން ދެއެވެ. އެއީ ބަލިތައް ފެތުރެން ދިމާވާ އެއް ސަބަބު ކަމަށް ވުން ހަމަ އެކަށީގެންވެއެވެ.

އެފަދަ ޖަންކްޝަންތައް ސާފުކުރުމުގެ ޒިންމާ ކޮނޑުގައި އޮތް، އަދި ފެން ހިންދާ ނިޒާމުގެ ބެލެނިވެރި ފަރާތް ކަމުގައިވާ މާލޭ ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މާލޭގެ ޖަންކްޝަންތައް ސާފު ނުކުރަނީއެއް ނޫނެވެ. އަދި އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރާންޖެހޭ މަރާމާތުތައްވެސް ނުކުރަނީކީ ނޫނެވެ. އެ ކުންފުނީގެ އެކަމަށް ހާއްސަ ޓީމުތައް ހަމަ ކޮންމެ ދުވަހަކުމެ އެ މަސައްކަތް ކުރަމުންދެއެވެ. އެހެންނަމަވެސް ހައްލު އޮތީ ހަމަ އެކަނި އެ ޓީމުތަކުން ކުރާ މަސައްކަތަކުން އެކަންޏެއް ނޫނެވެ. ފަރުދީ ޒިންމާ މިކަމުގައި މުހިންމު ރޯލެއް އަދާކުރާނެއެވެ.

އެ ފަރުދީ ޒިންމާ އަދާކުރުމަށް މަގުފަހުކޮށްދީ މުޖްތަމައު އިތުރަށް ހޭލުންތެރި ކުރުމަށް އެމްޑަބްލިއުއެސްސީން ފަށާފައިވާ، "ތައްޓަށްތަ، ޓައްޕަށްތަ؟" ކެމްޕޭނަކީ ފެން ހިންދާ ނިޒާމަށް ދިމާވާ ބޮޑު މައްސަލައަށް ހައްލު ކަމުގައި ވެދާނެއެވެ. ނަމަވެސް އެއީ ހައްލު ކަމުގައި ވެގެންދާނީ އާންމު ކޮންމެ ފަރުދަކުވެސް މިކަމާއިމެދު ފުންކޮށް ވިސްނާލައިގެންނެވެ. ކުނީގެ ގޮތުގައި އުކާލެވޭ ކޮންމެ ބާވަތަކާއިމެދު "ތައްޓަށްތަ، ޓައްޕަށްތަ؟" މި ސުވާލު އުފައްދައިގެންނެވެ.

އަތް ދޮންނަ ސިންކު ތައްޓަށާއި ފާހާނާ ތައްޓަށް އަޅަންވީ އަދި ނާޅަންވީ ކޮންކޮން ތަކެއްޗެއް ކަމާއި ކުނި އަޅާ ޑަސްބިން ނުވަތަ ޓައްޕަށް އަޅަންވީ ކޮން އެއްޗެއްކަން ގޭގައި އުޅޭ ކުދި ބޮޑު އެންމެންނަށް އެބަ އެނގެން ޖެހެއެވެ. މި މައުލޫމާތުތަކަކީ ގައުމީ މައްސަލައެއްގެ ހައްލެއް ކަމުގައި ހެދިދާނެއެވެ.

ތަށީގައި ބާކީ ހުރި ކާ އެތިކޮޅު އަޅަންވީ ސީދާ ޓައްޕަށް ކަމާއި، ނެޕީ އާއި ޕެޑު އެއްލައިލާންވީ ސީދާ ޓައްޕަށް ކަމާއި އުކާލަން ޖެހޭ ބޭސްފަދަ ތަކެތި އަޅާނީވެސް ޓައްޕަށް ކަމާއި އުކާލަން ޖެހޭ ދަވާދާއި ކުލަފަދަ ތަކެތިވެސް އަޅަންވީ ޓައްޕަށް ކަމާއި ކެމިކަލް އާއި ތެޔޮ ފަދަ ތަކެތިވެސް އަޅަންވީ ސީދާ ޓައްޕަށްކަން އެބަ އެނގެން ޖެހެއެވެ.

ބަދަލުގައި ފާހާނާ ތައްޓަށް އަޅަންވީ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެއްޗާއި ހޮޑު އަދި ޓޮއިލެޓް ޕޭޕަރކަންވެސް އެނގި އެކަން އެގޮތަށް ގަބޫލުކޮށް އެ ނޫންގޮތަކަށް އަމަލުކުރުން ހުއްޓާލަންވެސް އެބަ ޖެހެއެވެ.

އެހެންނަމަވެސް އަހަރެމެންނަށް ގިނަ ފަހަރު އަމަލު ކުރެވެނީ މިއާ ދިމާ އިދިކޮޅަށެވެ. ކައްކާފައި ބާކީވާ ތެޔޮ ފޮދު އަޅާލެވެނީ ސިންކަށެވެ. ނޫންނަމަ ފާހާނާ ތައްޓަށެވެ. އޭގެ ނަތީޖާއަކަށް ވަނީ ތެލާއި ފެނަކީ އެއް ނުވާ ދޭއްޗަށްވާއިރު ތެލުގެ ސަބަބުން ހޮޅީގައި މަޑު އުފެދި ހޮޅިތައް ބެދޭގޮތްވެ ގޭތެރޭގެ ހޮޅިތަކުން ފެށިގެންގޮސް ފެން ހިންދާ މައި ނިޒާމަށްވެސް މިކަމުގެ އަސަރު ކުރުމެވެ. އޭގެ ބަދަލުގައި ބާކީވާ ތެޔޮފޮދު ކުޑަ ކޮތަޅަކަށް އަޅާފައި ޓައްޕަށް ލެވިދާނެއެވެ.

ޖަންކްޝަންތައް ފުރި، ބޭރުވާ ބޮޑު މައްސަލައަށް ވިސްނުންތެރިކަމާއެކު ކޮށްލެވޭ މިފަދަ ކުޑަކުޑަ ކަމުން ހެޔޮ ހައްލެއް ގެނެވިދާނެއެވެ. ފަރުދީ ޒިންމާ އޭގެ އެންމެ ރަނގަޅުގޮތުގައި އަދާކޮށްފިނަމަ މުޖްތަމައަށް ބަދަލެއް ގެނެވިދާނެއެވެ. ގައުމީ މި މައްސަލަ ހައްލު ކުރަން ކުރާ ކޮންމެ ކަމަކީ ގައުމީ ކަމެއްކަމުގައި ދެކެގެން ކުރަންވީ ވަގުތު މިއޮތީ އައިސް ޖެހިފައެވެ.

https://www.youtube.com/watch?v=J2oxfLNBmPE&feature=youtu.be

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް