އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއް، މުސްކުޅިންގެ އެވޯޑަކަށް ޝަރުތު ހަމަ ނުވާ ކަމަށް ވިދާޅުވެއްޖެ އެވެ.
އުމުރުން 95 އަހަރުގެ ރާނީ އެލިޒަބަތު މިހެން ވިދާޅުވީ އެގައުމުގައި ނެރޭ ހަފުތާ މަޖައްލާއެއް ކަމަށްވާ "ދި އޯލްޑީ" ދޭ "އޯލްޑީ އޮފް ދި އިޔާ" އެވޯޑު އެކަމަނާއަށް އެރުވުމަށް ބޭނުން ވެގެން ހުށަހެޅުމުންނެވެ.
މިކަމާއި މެދު ރާނީ ދެކެވަޑައިގެންނަވާ ގޮތެއް ބެލުމަށް އެވޯޑްގެ ޗެއާމަން ގައިލްސް، ރާނީގެ ޕްރައިވެޓް ސެކްރެޓަރީ ސާ އެޑްވަޑް ޔަންގަށްއަށް ސިޓީ ފޮނުވީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ސިޓީގައި ބުނެފައިވަނީ ރާނީ އެލިޒަބަތު ދޭކަށް އެ އެވޯޑު އަރުވަން ބޭނުންވަނީ އެކަމަނާގެ ރާނީ ކަމަށް އަންނަ އަހަރު 70 އަހަރު ފުރޭތީ ކަމަށެވެ.
"އޯލްޑީ އޮފް ދި އިޔާ" އެވޯޑު ދެނީ ދުވަސްވީ މީހުންގެ ހިދުމަތްތައް އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
މި އެވޯޑު ގަބޫލު ނުކުރައްވާނެ ކަން އެންގުމުގެ ގޮތުން ރާނީގެ ޕްރައިވެޓް ސެކްރެޓަރީ ފޮނުވި ސިޓީގެ ޖަވާބު އާންމުވީ މިހަފްތާ ތެރޭގައި އެވެ. ޖަވާބުގައި ބުނެފައިވަނީ މީހާގެ އުމުރު ވަޒަން ކުރާނީ އެމީހާ އަމިއްލައަށް އުމުރާއި ގުޅޭގޮތުން ދެކޭ ގޮތެއްގެ މައްޗަށް ކަމަށެވެ.
އެހެންކަމުން އެ އެވޯޑު އެކަމަނާއަށް ހައްގު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބުނެފައިވެ އެވެ. އިތުރަށް ޖަވާބުގައި ބުނެފައިވަނީ އެ އެވޯޑަށް އެކަމަނާ ޝަރުތު ހަމަވާކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
މި ސިޓީ ބައިނަލްއަގުވާމީ ނޫސް އެޖެންސީތަކަށް ލިބުމުން އޭގެ ކޮޕީ ހާމަކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުގައި ހުށަހެޅުމަށް ރީތި ގޮތުގައި ދެކޮޅު ހެއްދެވިޔަސް އެ މަޖައްލާއަށް ރާނީގެ ފަރާތުން ހެޔޮ ދުއާތައް ފޮނުވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް