އދ. ދަނގެތީ ގެއަކުން ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މީޑިއާގައި ބުނީ ވައްކަން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ. އެ ގޭ ވެރިފަރާތާއި ހަވާލާދީ ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ އަގު 9،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ.
މި މައްސަލައިގަ ފުލުހުން އަދި އެއްވެސް މީހެއް ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދަނގެތިން މިހާ ބޮޑު ވައްކަމެއް ކޮށްފައި މިވަނީ އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރާލާއި ވަޅަކަށް ވައްޓާލާފައި އޮއްވަ މިދިޔަ ބުރާސްފަތި ދުވަހު ފެނިފަ ވަނިކޮށެވެ. އަދި މިމައްސަލަ ތަހުގީގު ކުރުމަށް އެ ރަށުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރި ވަމުންދަނިކޮށެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގަ އެރަށު އެންމެންހެން ތުހުމަތު ކުރީ މީގެ ކުރިން ފިހާރައެއް ފަޅާލައި ވައްކަން ކުރި ކަމަށް އެ ރަށު މީހުން ތުހުމަތުކުރި ރަށުން ބޭރު ދ ެމީހަކަށެވެ. އެކަމަކު މަހުމޫދުބެގެ މަރާއި ގުޅިގެން ހައްޔަރު ކުރީ އެ ރަށުގައި މުސްކުޅިއެއް ބަލަހައްޓަން ގެންގޮސް ހުރި ބިދޭސީ އެވެ.
މިފަހަރު ވައްކަން ކޮށްފައި މިވަނީ އެ ރަށުގައި މިފަދަ ކުށްތައް ކުރާ ކަމަށް ދަނގެތީ މީހުން ގަބޫލު ކުރާ ރަށުން ބޭރު ދެމީހުން ފުލުހުންގެ ހައްޔަރުގައި ތިއްބަ އެވެ. ފުލުހުން އެ ދެމީހުން ހައްޔަރު ކުރީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް