ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން މިނިިވަން ވުމަށް އިތުރު ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވި އޭނާގެ ހާސްކަންބޮޑުވެއްޖެ އެވެ.
މިމަހުގެ ތިން ވަނަ ދުވަހު އާރްޔަން އާއި އޭނާގެ އިތުރު ދެ އެކުވެރިޔަކު ހައްޔަރު ކުރީ ކްރޫޒްލައިނާއެއްގައި އޮތް ޕާޓީއެއްގައި މަސްތުވާތަކެތި ގެންގުޅެ ބޭނުން ކުރިކަމުގެ ތުހުމަތުގައި އެވެ. އެކަމަކު އޭނާއަތުން މަސްތުވާތަކެތި ފެނިފައި ނުވާއިރު ޓެސްޓުތަކުން އޭނާ މަސްތުވާތަކެއްޗަށް ނެގެޓިވް އެވެ.
މި މައްސަލައިގަ އާރްޔަންގެ ގާނޫނީ ވަކީލު ސަތީޝް މަނަޝިންދޭ ގެންދަނީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތްކަމަށް ތަކުރާރުކޮށް މިދިޔަ ތިން އަޑުއެހުމުގައި ބުނަމުންނެވެ. އެކަމަކު އިއްޔެވެސް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ އެދުމަށް ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.
މުއްދަތު އިތުރު ކޮށްދިނީ އާރްޔަން މެދުވެރިކޮށް ބައިނަލްއަގުވާމީ ޑްރަގް ނެޓްވޯކެއް ހޯދޭނެ ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭތީ ކަމަށް ކޯޓުގައި ބުނާތީ އެވެ. އަދި އާރްޔަން ދޫކޮށްލައިފި ނަމަ ހެކި ނައްތާލައި މައްސަލައަށް ނުފޫޒު ފޯރުވާނެ ކަމަށް އެންސީބީން ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލަ ދެން އާރްޔަންގެ ފަރާތުން އިިސްތިއުނާފު ކުރާނީ ހައި ކޯޓުގައި އެވެ. އާރްޔަން ބަންދުކޮށްފައި ހުރީ މުމްބާއީގެ މައި ޖަލު ކަމަށްވާ އާތާ ރޯޑު ޖަލުގައި އެވެ.
އެ ޖަލުގެ އޮފިޝަލުން ބުނީ ކޯޓުގެ އިއްޔެގެ ނިންމުމާއި އެކު އާރްޔަންއަށް ފާޑެއްގެ ޝޮކެއް ޖެހިފައިވާ ކަމަށެވެ. އެއީ އޭނާ އުންމީދު ކުރީ އިއްޔެ މިނިވަން ވާނެ ކަމަށެވެ.
އަދި މިދިޔަ ހުކުރު ދުވަހު ބައްޕަ ޝާހްރުކް ހާން އާއި މަންމަ ގޯރީ ހާން އާއި އެކު ވީޑިއޯ ކޯލްއެއް ކުރި ކަމަށާއި އެ ކޯލުގައި ޖަލަށް ފައިސާ ފޮނުވަ ދިނުމަށް އެދުނު ކަމަށެވެ. އޭނާ އެދުނީ 4،500 ރުޕީސް ފޮނުވަދޭންކަން ފާހަގަކޮށް އެ އޮފިސަރު މީޑިއާގައި ބުނީ އެ ދުވަހު އާރްޔަން ވަނީ އޭގެން އިއްޔެ އާއި ހަމައަށް ވާނެކަމަށް މައިންބަފައިން ކައިރީ ބުނެފަ ކަމަށެވެ.
އާރްޔަން ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިނިވަން ނުވެއްޖެ ނަމަ އޭނާ ޖަލުގައި އިތުރު މަހެއްހާ ދުވަހު ހުންނަން ޖެހިދާނެ އެވެ. އެއީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އިންޑިއާއަށް އަންނަ އެންމެ ބޮޑު އީދުކަމަށްވާ ދިވާލީ އާއިއެކު ގިނަ ދުވަސްތަކެއް ސަރުކާރު ބަންދުވާނެތީ އަޑުއެހުމެއް ނުބާއްވާނެތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް