އިންޑިއާއަކީ ރާއްޖެއާ އެންމެގާތް އިތުބާރުހިފޭ އަވަށްޓެރިޔާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިިދާޅުވެއްޖެ އެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 8 ޕްރޮޖެކްޓެއް ހިންގުމަށް މިއަދު ސޮއިކުރި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އަޅުގަނޑުމެން ފާހަގަކުރާނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމޭޓިކް ގުޅުމުގެ ބިންގާ އެޅުނުތާ 56 އަހަރު ފުރޭ ދުވަސް ކަމަށެވެ.
މިދިޔަ 50 އަށްވުރެ ގިނަ އަހަރުތެރޭގައި އިންޑިއާއިން ވަނީ އެ ޤައުމަ ކޮންމެ ވަގުތެއްގައި ވެސް ބަރޯސާ ވެވޭ އެކުވެރިއެއްކަމަށާއި މި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ފެށެނީ މީގެ 56 އަހަރު ކުރިއަކުން ނޫންކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
" ރަސްމީކޮށް ދެ ޤައުމުގެ ގުޅުން ފެށުމުގެ މާ ކުރިން ވެސް އިންޑިއާއާއި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އެކުވެރި މިތުރުން. މިދިޔަ ތިން އަހަރު، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ހިންގުންތެރިކަމުގެ ދަށުން، އިންޑިއާއާއި ރާއްޖޭގެ ގުޅުންތައް ވަނީ އާ ހަރުފަތްތަކަކަށް ދަތުރުކޮށްފައި. ދެ ޤައުމުގެ ފަރާތުން ކުރާ ޒިޔާރަތްތައް ގިނަވުމަކީ މީގެ އެއް ސަބަބު. މިއާއެކު ދެ ޤައުމުގެ ޚާރިޖީ ގުޅުން ވަނީ އެތައް ދާއިރާއަކުން ބަދަހިވެ، އެތައް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ." މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ މިދިޔަ ޖުލައި މަހު ދިއްލީއަށް ކުރި ދަތުރުގައި ދެ ޤައުމުގެ މެދުގައި އާކުރެވިގެން ދިޔަ އެއްބަސްވުން (މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ/ އެމްއޯޔޫ) ގެ ދަށުން، ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުތަކަށް އިންޑިއާއިން ދޭ ހިލޭ އެހީ އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އިންޑިއާއިން 155 މިލިއަން ރުފިޔާ، ނުވަތަ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުގެ މިންވަރަށް އެހީ އިތުރުކޮށްދީފައިވާ ކަމަށާއި ދިވެހި ސަރުކާރުން މިކަން ބަލައިގަނެ، އެންމެ ފުންމިނުން ޝުކުރުއަދާކުރާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް