އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 8 މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމް.އޯ.ޔޫގައި މިއަދު ސޮއިކޮށްފި އެވެ.
މި އެމް.އޯ.ޔޫތަކަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫތަކެވެ.
އެމް.އޯ.ޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މި އެމް.އޯ.ޔޫތަކުގެ ދަށުން އިފްތިތާޙްކުރެވޭ މަޝްރޫޢުތަކުގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާއި، ތިމާވެއްޓާއި ޘަޤާފީ ތަރިކަ ރައްކާތެރިކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ދުޅަހެޔޮކަމާއި އަދި ހުނަރު ތަރައްޤީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ފައެވެ.
ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން އެކި ގޮތްގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވި އެވެ.
މިއަދު ސޮއިކުރި އެމްއޯޔޫތަކުގެ ދަށުން އިފްތިތާހުކުރި މަޝްރޫއުތަކަކީ ޖުމްލަ 36،609،600 ރުފިޔާ (2،374،163 ޑޮލަރު) ގެ ހިލޭ އެހީ އެކެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި، 2 ސީ އެމްބިއުލާންސް ހޯދުމާއި، ގދ .ތިނަދޫ، ލ. ގަން އަދި ހއ. ދިއްދޫ ގެ ސްކޫލުތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާކުރުން، ލ. މާބައިދޫގައި އައިސް ޕްލާންޓެއް ތަރައްޤީކުރުން، އޮލިމްޕަސް ހޯލް އަޕްގްރޭޑިންގ ޕްރޮޖެކްޓް، ނ. މިލަދޫގައި މަލްޓި ޕާޕަސް ކައުންސިލް އިމާރާތެއް އިމާރާތްކުރުން ހިމެނެ އެެވެ.
މީގެ އިތުރުން އދ. ދަނގެތީ ކަލްޗަރަލް ސެންޓަރު އިމާރާތްކުރުމާއި ތ. ތިމަރަފުއްޓާއި ތ. ވޭމަންޑޫގެ މަގުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.
މި އެމްއޯޔޫތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.
85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ މި ސްކީމްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ފުރަތަމަ ސޮއިކޮށްފައިވަނީ 17 މާޗް 2019 ގަ އެވެ. އަދި މި ސްކީމް 155 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސޮއިކޮށްފައިވަނީ 23 ޖުލައި 2021 ގަ އެވެ.
މިއަދު އިފްތިތާޙު ކުރެވުނު މަޝްރޫޢުތަކުގެ އިތުރުން، މި ގްރާންޓް ސްކީމްގެ ދަށުން މިހާރުވެސް 12 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުން އެބަދެއެވެ.
އެގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އަދި ނ. ނެދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުން ހިމެނެ އެެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ހަނިމާދޫގައި ހިންގާ އެގްރިކަލްޗަރަލް ލިންކޭޖްސް ޕްރޮޖެކްޓާއި، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް ސެންޓަރެއް ގާއިމުކުރުމާއި ހއ.ހޯރަފުށީގައި ވޯޓަރ ބޮޓްލިންގ ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް