ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ: ރައީސް

ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދި ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅު...

21 Oct 2021 | 08:33

ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދި ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ބޭއްވެވި މަޝްވަރާގަ އެވެ.

މި މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރާ ކައުންސިލާ ދެމެދުގައި ގުޅުން ބަދަހިވުމުގެ ސަބަބުން ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް އަވަހަށް ނިންމާލުމަށް މަގުފަހިވާކަމުގައި ވިދާޅުވެފަ އެވެ.

އުކުޅަހު ކައުންސިލް އިދާރާގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ކުރިއެރުމަށާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ.

މިގޮތުން، ކައުންސިލުން ފާހަގަކޮށްފައި ވަނީ ރަށް ބެލެހެއްޓުމުގެ ކަންކަން ކައުންސިލަށް އޮންނަ އިރު، އިދާރީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ވަރަށް ގިނަކަން ފާހަގަކޮށްފަ އެވެ. އަދި ރަށުގެ އާބާދީގެ އިތުރުން ރަށަކީ ފަތުވެރިން އަންނަ ރަށަކަށްވުމުން ޚިދުމަތް ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވެފައި ވުމާއެކު، އެކަންކަން ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ލުއި ގޮތްތަކެއް ހޯދުން މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ރަށަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްގެ ވަކި މިންވަރެއް ކައުންސިލަށް ދިނުމަށް ފަހު މިފަދަ ޚިދުމަތްތައް ދިނުމުގައި ބޭނުން ކުރެވޭނެ ގޮތެއް ފަހިކޮށްދިނުމަކީ މިކަމަށް އޮތް ޙައްލެއްކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.އަދި ކައުންސިލުން ވަނީ މީގެ އަހަރުތަކެއް ކުރިން ކޯޕަރޭޓިވް ސޮސައިޓީއާ މިފްކޯއާ ގުޅިގެން އުކުޅަހުގައި ހިންގާމިފްކޯ އުކުޅަސްކިޔާ ކުންފުންނަކާ ގުޅިގެން ރައްޔިތުންގެ އަދި ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެމީހުންގެ މަސައްކަތްތައް ފުޅާކުރުމުގައި އިތުރު ތަމްރީނުތަކާއި އެހީތެރިކަން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އުކުޅަހުގައި ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫޢުތަކުގެ މަޢޫލޫމާތު ކައުންސިލާ ހިއްސާކުރައްވާފަ އެވެ. އަދި، ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދީގެން މަސަކަތްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެއްޗުމަށްފަހު ރަނގަޅުގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމީޓިއިން ހުށަހެޅުއްވި ކަންތަކުގައި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ މެދުވެރިކޮށް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިޔަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އުކުޅަހު ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި، އެއަށްފަހު އެމަނިކުފާނު ވަނީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް އިއްޔެ ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް