ބަންގްލަދޭޝްގެ ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މާއްދާ އުނިކުރަން ހުށަހަޅަން ނިންމައިފި އެވެ.
މި ބަދަލު ގެންނަން ނިންމާފައި މިވަނީ އެގައުމުގައި ބައިމަދު ހިންދޫންނާއި ދެކޮޅަށް މުސްލިމުން ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދަނިކޮށެވެ. މުޒާހަރާތައް ފެށުނީ ހިންދޫންގެ ދީނީ އަޅުކަމެއްގައި ޤުރުއާނުގެ ގަނޑުތަކަކަށް ފައިން އަރައިގެން ތިބި މަންޒަރުތަކެއް އެމީހުން ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ.
ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރު މުރާދު ހަސަން ވިދާޅުވީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އެއްވެސް ދެކޮޅުވެރިކަމެއް ނެތި އެ އިސްލާހު މަޖިލީހުން ފާސްކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުރާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އިސްލާހަކީ ގައުމުގައި އިސްލާމީ ހަރުކަށި ޖަމާއަތްތަކުން ބައިމަދު ދީންތަކާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބާރަކަށް ވާނެ ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އިރުޝާދާއި ތާއީދާއި އެކު ކަމަށް ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ބޮޑެތި ސިޓީތައް ކަމަށްވާ ޑާކާ އާއި ޗިޓަގޮންގެ އކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު މުސްލިމުން ހަމަލާދީ ދެ ހިންދޫއަކު ވަނީ މަރާލާފަ އެވެ. އަދި ހިންދޫންގެ ގެތަކާއި ފައްޅިތަކަށް ގެއްލުންދީ އެތައް 100 ބަޔަކު ވަނީ ޒަހަމް ކޮށްލާފަ އެވެ.
މުޒާހަރާތަކުގައި މުސްލިމުންގެ ތެރެއިން ހަތަރު މީހަކުވެސް ވަނީ މަރުވެފަ އެވެ. އެއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުންނެވެ.
ބަނަގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ ހިންދޫ ކޮމިއުނިޓީގެ އިސްވެރިންނާއި ބައްދަލު ކުރައްވާ އެމީހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި މިހާރު މުސްލިމުންގެ ތެރެއިންވެސް ބަޔަކު ވަނީ ދީނީ ހަރުކަށި މީހުންގެ މުޒާހަރާތަކާއި ދެކޮޅަށް ނުކުމެ އަޑު އުފުލަން ފަށާފަ އެވެ.
ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހު ފާސްވެއްޖެ ނަމަ ބަންގްލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމް ދީން ކަމަށް އޮތް އިތުން ނިމުމަކަށް އައިސް އެ ގައުމު ވެގެންދާނީ ހުރިހާ ދީނަކަށް ފުރުސަތު އޮންނަ ސެކިއުލާ ގައުމަކަށެވެ.
މި އިސްލާހު އެ ގައުމުގެ މަޖިލީހުން ފާސްވާނެ ކަމަށް ބެލެވެ އެވެ. އެއީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އަވާމީ ލީގު ޕާޓީން ބަންގްލަދޭޝްގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް އޮތް އޮތުން އުނިކުރަން ހުށަހަޅާ އިސްލާހަށް ދެކޮޅު ނުހަދާނެ ކަމަށް ބުނެފައިވާތީ އެވެ.
އެކަމަކު މި އިސްލާހާއިއެކު މިހާރު އޮތް ބަންގްލަދޭޝްގެ މަޝްރަހު އިތުރަށް ހޫނުވާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. އަދި ބޮޑެތި ލޭއޮހުރުވުންތައް އެގައުމުގެ ހިނގާނެ ކަމުގެ ޔަގީންކަން އެފަރާތްތަކުން ދެ އެވެ.
1972 ވަނަ އަހަރު ބަންގްލަދޭޝްގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލިއިރު އެގައުމުގެ ގާނޫނު އަސާސީގައި ދައުލަތުގެ ދީނެއްގެ ގޮތުގައި އެއްވެސް ދީނެއް ފާހަގަ ކޮށްފައެއް ނެތެވެ. ނަމަވެސް 1988 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ބަންގްލަދޭޝްގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް