ގައުމެއް ހިތަށް ތަސައްވަރު ކުރާށެވެ. އެ ގައުމުގެ ކަންތައްތައް ހުރިގޮތުން އެ ގައުމުގެ ދިރިއުޅޭ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އެ ގައުމުގެ ވެރިކަން ކުރާ ރަށުގައި ދިރިއުޅެން މަޖުބޫރުވުމަކީ ކޮންފަދަ ކަމެއްތޯއެވެ. އާނއެކެވެ. ތިޔަ ހީފުޅުކުރެއްވީ ރަނގަޅަށެވެ. މި ދައްކަނީ އަޅުގަނޑާއި ތިބޭފުޅާ ދިރިއުޅުއްވާ ފުރަ މާލޭގެ ވާހަކައެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ދާދިފަހުން އާންމުކޮށްފައިވާ އަންދާޒާތަކުގައި ވަނީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 40.8% މީހުން ދިރިއުޅެނީ މާލޭގައެވެ. މީގެ ތެރެއިން ގިނަ ބަޔަކު އުޅެމުންދާނީ ކުއްޔަށް ކަން އެނގެއެވެ. މިއީ އަޖައިބެއް ހެއްޔެވެ. ނުވަތަ އަރަތެއް ހެއްޔެވެ. ނުވަތަ ވަކި ބަޔަކު ގަސްތުގައި މިކަން މިގޮތަށް ކުރީ ހެއްޔެވެ. ޝައްކެތްނެތެވެ. ސަރުކާރުތައް ހިނގަންޖެހެނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ. އެހެނަސް ފާއިތުވި ފަންސާސް އަހަރުވެސް ދިވެހި ދައުލަތުން މިކަމަށް އެކަށީގެންވާ މަސައްކަތްކޮށފައިވޭތޯ ސުވާލު އުފެދެއެވެ. މި ގައުމުގެ ބަޖެޓް ތިރީހަކަށް ބިލިއަނަށް އަރާއިރު މި ގައުމުގައި ދިރިއުޅޭ މަދު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތަށް ނުކުރެވޭނެވަރުގެ ކަމެއް ނޫނެވެ.
ދިވެހި ދައުލަތުން އެންމެ ބޮޑު އިހުމާލެއް ވެފަ އޮތީ އަތޮޅުތެރެ ތަރައްގީކުރުމުގައެވެ. އަތޮޅުތެރެއަށް ވެސް ކޮންމެ ސަރުކާރަކުންވެސް ތަރައްގީތަކެއް ގެނެއެވެ. ވާނީވެސް އެހެންތާއެވެ. ވޯޓުކޮޅެއްވެސް ހޯދަންޖެހޭ ވިއްޔާއެވެ. އެހެނަސް އަތޮޅުތެރެއަށް ގެނެސްފައިވާ ތަރައްގީ އެންމެ ބޮޑަށް ސާފުވީ ކޮވިޑް 19 ގެ ތެރޭގައެވެ. ސިއްހީ ނިޒާމު އޮތީ ވަރަށް ފަހަތުގައެވެ. ވަރަށް މަދު ރަށެއްގައި ނޫނީ ޚާއްސަ ޑޮކްޓަރުންނެއް ނެތެވެ. ޓެސްޓް ހެދޭނެ ގޮތެއް ނޫނީ އެހެން ވަސީލަތްތައް ވެސް މާބޮޑަށް ވެސް މަދެވެ. ކުދި ކުދި އޮޕަރޭޝަން އަތޮޅުތެރޭގައި ކުރުމަށްފަހު މާބޮޑު ޚަބަރަކަށް ހަދާފައި ދެއްކުމުން އަޅުގަނޑު ގަންނަނީ ލަދެވެ. ތިޔާ ވަރުގެ ކަމެއް ވެސް މިވީ އަދި ކިރިޔާއޭ ހިތައް އަރައެވެ.
ދެން ތައުލީމަށް ބަލަމާ ހެއްޔެވެ. ދިވެހި ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ދޭ މެސެޖް ވަރަށް ސާފެވެ. ޑިގްރީ އަށް ނުވަތަ މާސްޓަރސް އަށް ނުވަތަ ޕީއެޗްޑީއަށް ކިޔަވަން ބޭނުންނަމަ ފޮށި ތަންމަތި ބަދެގެން މާލެ އަންނާށެވެ. ގައުމީ ޔުނިވަރސިޓީ އާއި އަމިއްލަ ބައެއް ކޮލެޖްތަކުން މަދު ރަށެއްގައި މަދު ކޯހެއް ނުހިންގާ ވާހަކައެއް ނޫނެވެ. އެހެނަސް ގައުމީ ޔުނިވަރސިޓީންވެސް އަތޮޅުތެރޭގެ ކެމްޕަސްތައް ތަރައްގީކުރާކަން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ. ނޫނީ ސަރުކާރުން އެކަމަށް އެކަށީގެންވާ ބަޖެޓެއް ނުދެއެވެ. ބައެއްފަހަރު އަމިއްލަ މީހާ ހިންގާ އާދައިގެ ކޮލެޖް ކެމްޕަހަށްވުރެ ގައުމީ ޔުނިވަރސިޓީން ރަށެއްގައި ގާއިމުކޮށްފަ ހުންނަ ކެމްޕަސްގެ ފެންވަރު ދަށެވެ. އަތޮޅުތެރެއަށް ހައްގު މިންވަރު ދޭން އެބަޖެހެއެވެ. އަތޮޅުތެރޭގައި ތައުލީމީ ފުރުސަތުތައް ފުޅާވާންޖެހެއެވެ.
ވަޒީފާގެ ފުރުސަތަށް ބެލިއަސް މާލެއަށް މާބޮޑަށް ތިލަފަތް އޮތީ ބަރުކޮށެވެ. އެހެނަސް ސަރުކާރުން އަތޮޅުތެރޭގައި ތިބިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބާތޯ ބެލުމަކީ އުންމީދީ ކަމެކެވެ. މާލެ އަށް މަރުކަޒުކޮށްފަ ހުރި ވަޒީފާތައް އަތޮޅުތެރެއަށް ބަދަލުކުރަންޖެހެއެވެ. ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންވެސް އަތޮޅުތެރެއަށް ބަދަލުކުރެވޭނެ ވަޒީފާތައް ވިސްނަން ޖެހެއެވެ.
ސާފުވެގެން މިދަނީ ބޭސްފަރުވާގެ ހިދުމަތް ހޯދުމަށާއި ތައުލީމު ހޯދުމަށާއި ވަޒީފާ ހޯދުމަށް ގިނަ ބަޔަކު މާލޭގައި ކުލީގެ އަޅުވެތިކަމުގައި އުޅުމަށް ދިވެހި ދައުލަތުން މަޖުބޫރުކުރުވިކަމެވެ. މިކަމަށް ނިމުމެއް އަންނަން އެބަޖެހެއެވެ. މިކަން ހުއްޓެން އެބަޖެހެއެވެ. އަތޮޅުތެރޭގެ ރައްޔިތުން މި ވާހަކަތައް ސިޔާސީ ވެރިންނަށް އަންގަން އެބަޖެހެއެވެ. މާ ގިނަ ބަޔަކު މާ ގިނަ ދުވަހު ކުލީގެ އަޅުވެތިކަމުގައި އުޅެފިއެވެ. އޭ އަހަރެންގެ ލޮބުވެތި ދިވެހި ދައުލަތާއެވެ. އަހަރެން ތި ދައުލަތަށް މައާފު ކުރާނީ ކިހިނެއް ހެއްޔެވެ. މުޅި ދިރިއުޅުން ޚަރާބުވެގެން މިދަނީ ކުލި ދެއްކުމަށް މަސައްކަތްކޮށްކޮށެވެ. 199 ރަށުގެ މީހުން ވެގެން އެއް ރަށް ތަރައްގީކުރަން މަޖުބޫރުކުރުމުގެ ވިސްނުން ދޫކޮށްލާށެވެ. ހައްގު މިންވަރު ދޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް