ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން ރޭ ފެށުނު އިރު، ރޭ ވަނީ ފޯރިގަދަ ގިނަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެއް މެޗަކީ މެންޗެސްޓާ ޔުނައިޓެޑް އާއި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރި މެޗެވެ. މި ދެޓީމު ބައްދަލުކުރި މި މެޗު ވަރުގަދަ ކުރިމަތިލުމަކަށްފަހު ކާމިޔާބު ކުރީ ޔުނައިޓެޑުންނެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުންވެސް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ޕީއެސްޖީގެ ޑި މަރިއާ އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާ ގޯލާ އަމާޒުވި ނަމަވެސް ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ބޯޅަ ގޯލަށް ވަނުމަށް ހުރަސްއަޅާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ. އަދި ޕީއެސްޖީއިން ނެގި ކޯނަރު އެޓީމުގެ ލޭވިން ކުރްޒާވާ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް މިފަހަރުވެސް ހުރަހަކަށްވީ ޑެ ހެއާއެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލް އެޓީމުން ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން ޕީއެސްޖީގެ ކުޅުންތެރިއަކު މާޝީއަލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ މިމެޗުގައި ޔުނައިޓެޑުގެ ކެޕްޓަންކަން ކުރި ޕޯޗުގަލްގެ ބްރޫނޯ ފެރްނާންޑޭސް ފުރަތަމަ ފަހަރަށް ފޮނުވާލުމުން ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް ވަނީ ދިފާއުކޮށްފައެވެ. އެހެންނަމަވެސް ފެރްނާންޑޭޒް ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ނަވާސް ގޯލް ލައިން ހުރަސްކުރި ކަމަށްބުނެ ރެފްރީ ވީއޭއާރް ބެލުމަށް ފަހު އަލުން ޕެނަލްޓީ ޖެހުމަށް ފެރްނާންޑޭސްއަށް ވަނީ ފުރުސަތު ދީފައެވެ. ދެވަނަ ފަހަރަށް ވަރަށް ހަމަޖެހިލާފައި ފޮނުވާލި ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލާ އޭނާ ވަނީ ޔުނައިޓެޑަށް މެޗުގައި ލީޑު ނަގާދީފައެވެ.
ލަނޑަށްފަހުވެސް ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ދިޔަ ނަމަވެސް ފުރަތަމަ ހާފު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފް ޕީއެސްޖީއިން ފެށި ޔުނައިޓެޑަށް ވުރެ ވަރުގަދަކޮށެވެ. މެޗުގެ 47 ވަނަ މިނެޓުގައި ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ނުރައްކާތެރި ހަމަލާއެއް އުފެއްދިނަމަވެސް ޑެ ހެއާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ބޯޅަ ދިފާއުކޮށްފައެވެ.
ޕީއެސްޖީއަށް މެޗުގައި ޖެހުނު ހަމަ އެކަނި ލަނޑަކީ މެޗުގެ 55 ވަނަ މިނެޓުގައި ޕީއެސްޖީއިން ނެގި ކޯނަރެއް ޔުނައިޓެޑުގެ އެންތަނީ މާޝިއަލްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ނަތީޖާ ހަމަަހަމަވެ ދެޓީމުންވެސް ކުޅުން ރަނގަޅުކޮށް އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކުރިއެވެ. އެގޮތުން މެޗުގައި މޮޅުވި ލަނޑު ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިންމިނެޓަށް ވެފައިވަނިކޮށް މެޗުގެ 88 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް މާކަސް ރަޝްފޯޑެވެ. ރަޝްފޯޑް ފޮނުވާލި ބާރު ހަމަލާ ނަވާސްއަށް އަތުވާވަރަށްވުރެ މާބާރަށް ގޮސްވަނީ ގޯލްގެ ކަނަށެވެ.
މިގްރޫޕުގައި ރޭ ވަނީ އިތުރު މެޗެއްވެސް ކުޅެފައެވެ. ޖަރުމަނުގެ އާރް.ބީ ލައިޕްޒިގް އާއި ތުރުކީގެ އިސްތާންބުލް ބަސަކްސަހިރް ބައްދަލުކުރި މެޗުން އާރް.ބީ ލައިޕްޒިގް ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މިނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނައިގައި އާރް.ބީ ލައިޕްޒިގް އޮތީ ގޯލްގެ ތަފާތުންނެވެ. 2 ވަނައިގައި ޔުނައިޓެޑު އޮތްއިރު 3 ވަނައިގައި އޮތީ ޕީއެސްޖީއެވެ. ތާވަލުގެ އެންމެ ފުލުގައި އިސްތާންބުލް ބަސަކްސަހިރް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް