ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުން މިއަދު ހާމަކޮށްފިއެވެ.
ބީއެމްއެލް އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ ކުއާޓަރ އާ އަޅާބަލާއިރު %5 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ބޭންކަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރު އަދަދެކެވެ.
ބީއެމްއެލް އިން ބުނީ، ފަންޑިންގ ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ، އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައި ކަމަށް ވެސް އެބޭނުންކުން ބުނެއެވެ.
މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އިންވެސްޓްމަންޓާއި ޕްރޮވިޝަން ޚަރަދު ބޮޑުވިކަމުގައިވީ ނަމަވެސް ބޭންކުގެ ޚިދުމަތާއި ޕްރޮޑަކްޓްތަކަށް އޮތް ޑިމާންޑް ގެ ސަބަބުން މުހިންމު ހުރިހާ ދާއިރާ އަކުންވެސް ރަގަޅު ފައިދާއެއް ލިބިފައިވާ ކަމަށެވެ.
ތިންވަނަ ކުއާޓަރގައި ބީއެމްއެލް ވަނީ ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލް އިން ވަނީ ޔޫއެސް ޑޮލަރު އޭޓީއެމް އެއްވެސް ގާއިމްކޮށްފައެވެ. ކުރިއަރަމުން އަންނަ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ހެޑްކުއާރޓަރސް އެއްވެސް ބޭންކުން ހުޅުވާފައިވަނީ މި ކުއާޓަރގައެވެ. އަދި 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ހަރަކާތްތަކަށް ބޭންކުންވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް