އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރަން ފިޔާޒަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރާއްޖެޓީވީގެ ކުރީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެ މަގާމަށް ފިޔާޒު އައްޔަން ކުރަން ރު...

21 Oct 2019 | 08:52

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރާއްޖެޓީވީގެ ކުރީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ މަގާމަށް ފިޔާޒު އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރީ 72 މެންބަރުންގެ ވޯޓުންނެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒަށް މަޖިލީހުން ރުހުން ދިން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން ތިން ނަމެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ތަޅުމަށް ފޮނުވައިފަ އެވެ. އެތިން ނަމަށްވެސް މަޖިލީހުން ވަކިވަކިން ވޯޓަށް އެހިއެވެ.

ފިޔާޒަކީ ރާއްޖެޓީވީގެ ސީއީއޯ ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައި 18 އަހަރު ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ ދައުރު މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެގެނެވެ. އޭނާގެ ދައުރު ހަމަ ވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެ އެ ކޮމިޝަން މިހާތަނަށް އޮތީ ގާނޫނީ ހުސް ކަމެއްގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް