ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ދިރާގުން ކޮންމެ އަހަރަކު ބާއްވާ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 400 އަށްވުރެ ގިނަ ކުދިންނާއިއެކު މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ސީއެސްއާރު މެނޭޖަރ އާއިޝަތު ބިޝާރާ ވިދާޅުވީ މިއަހަރުގެ ފެސްޓިވަލްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަހަރު 400 އަށްވުރެ ގިނަ ކުދިން މި ފެސްޓިވަލްގައި ބައިވެރިވެފައިވާ ކަމަށާއި، އެގޮތުން 4 އެންޖީއޯ އަކާއި 14 ސްކޫލަކުން މި ފެސްޓިވަލްގައި ބައިވެރިވި ކަމަށް ބިޝާރާ ވިދާޅުވިއެވެ.
ބިޝާރާ ވިދާޅުވީ، ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވާ ކުދިން ސްޕެޝަލް އޮލިމްޕިކްސްގައި ވެސް ބައިވެރިވާ ކަމަށާއި، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ މިފެސްޓިވަލުގެ ތެރެއިން ސްޕެޝަލް އޮލިމްޕިކްސްގައި ހިމެނޭ ކުޅިވަރުތައް ތައާރަފްކުރުން ކަމަށެވެ.
މި ފެސްޓިވަލް އަކީ 2011 ވަނަ އަހަރުން ފެށިގެން ދިރާގުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފެސްޓިވަލް އެކެވެ. މި މުބާރާތުގައި ވަނަވަނަ އަށް ދާ ކުދިންނަށް ހާއްސަ މެޑަލްއެއް ވެސް ލިބިގެންދާނެ އެވެ. ދިރާގުން މިއަހަރުގެ ފެސްޓިވަލަށް ތައްޔާރުވަމުންދާއިރު، މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހެންވޭރު ދަނޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް