ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އަލީ ޒާހިރު އާއި ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެބޭފުޅުންގެ ނަންފުޅާއެކު ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު އިއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވީ ކަމަށް ވިދާޅުވެފައެވެ.
އެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ފޮނުވާނެއެވެ. އެ ރިޕޯޓަށް ބެލުމަށްފަހު ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުންނެވެ.
ދިޔާނާ އާއި މަހާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވެސް "ހައިލީ ރިކަމެންޑު" ކޮށްފައިވާ ދެ ނަމެވެ. މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފައެވެ. އެއީ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ. މި ތިން ބޭފުޅުންނަކީވެސް ހައިކޯޓުގެ ފަނޑިޔާރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް