އެކަށީގެންވާ ތަރުހީބު ނުލިބުމުން އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އެކަށީގެންވާ ތަރުހީބު ނުލިބުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ. ހޯމް މިނިސްޓްރީން ބުނީ އެމްއެމްސީ ގެ މެމްބަރު ކަމަށް ކުރިމ...

21 Sep 2020 | 07:23

އެކަށީގެންވާ ތަރުހީބު ނުލިބުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ އެމްއެމްސީ ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު ހަމަވާތީ އެވެ. އެ މެމްބަރުންގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޑިސެމްބަރު 11 ގެ ނިޔަލަށެވެ.

މީޑިއާ ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 6 މެންބަރުން ތިއްބަވާ އިރު، ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

އެ ކައުންސިލުގެ ގަވާޢިދު ބުނާ ގޮތުން ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ އެވެ.

މީޑިއާ ތަމްސީލުކުރާ 7 ގޮޑިއަށް މީޑިއާތަކުން ކެންޑިޑޭޓުން ހުށައަޅާ އިރު، އެ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ނުވުން ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް