ރޭ މާލޭގައި ހިނގި ނުރައްކާތެރި ހާދިސާ އާއި ގުޅިގެން، ރައީސް ނިއުޔޯކަށް ފުރާވަޑައިގަތުން ފަސްކޮށްފިއެވެ.
އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް، ރައީސް ފުރާވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވަނީ މިއަދު ހެނދުނުއެވެ. ނަމަވެސް ރޭގެ އަލިފާނުގެ ހާދިސާ އައި ގުޅިގެން އެ ދަތުރުފުޅު ވަނީ މިއަދު ހަވީރަށް ފަސްކޮށްފައެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ރައީސް ގެ ތަރުޖަމާން، އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ ދަތުރުފުޅުގެ ވަގުތު ފަސްކޮށްފައި ވަނީ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނިންމަން ޖެހޭ ބައެއް ނިންމުންތައް ހުރުމުންނާއި އަދި ބައެއް ބައްދަލުވުންތައް ވެސް ހުރުމުން ކަމަށެވެ.
ރޭ، ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން، ރައީސް ވަނީ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލައްވާފައެވެ. އަދި އެކި އަނިޔާ ލިބިގެން ފަރުވާ ދެމުންދިޔަ މީހުންގެ ހާލު ބައްލަވާލެއްވުމަށް އޭޑީކޭ އަށް ވަޑައިގެންނެވުމުގެ އިތުރުން ރައީސް ވަނީ ހާލުގައި ޖެހުނު ފަރާތްތައް ތިއްބެވި ކަލާފާނު ސުކޫލަށް ވެސް ވަޑައިގެން މީހުންގެ ހާލު ބައްލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް