ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއްނެތި ވެހުނު ވާރޭގައި މާލޭގެ ބޮޑު ބައެއްގައި ބޮޑުކޮށް ފެންބޮޑުވެއްޖެއެވެ.
އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުން ގޮސް އަމީނީ މަގާއި ޖެހެންދެން އެ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ކަކުލާއި ހަމައަށް ފެންގަނޑު އެބަހުއްޓެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި ކަމަށެވެ. މި ވަގުތު ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކަމުންދަނީ އައިޖީއެމް އެޗް ކައިރީގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ފެން ބޮޑުވެފައިވާ ސަރަހައްދުގައި ސައިކަލު ދުއްވުން ރައްކާތެރި ކަމަކަށް ނުބެލެވެއެވެ. ސައިކަލުގެ ސައިލެންސަރަށް ފެން ވަންނަވަރަށް ފެން ބޮޑުވެފައިވާއިރު ސައިކަލުތައް ހުއްޓި ގެއްލުން ވުމުގެ ފުރުސަތު ބޮޑު ކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް