އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ދިއުން އަދިވެސް ރައްކާތެރިއެއް ނޫން، ދުމުގެ އަސަރު ވަރަށް ބޮޑު

ހެންވޭރުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ އެތައް ގެއެއް ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައިވާއިރު އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން އަދިވެސް އަންނަނީ ހަރަކާތްތެރި...

21 Sep 2019 | 03:10

ހެންވޭރުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ އެތައް ގެއެއް ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައިވާއިރު އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރޭ ދަންވަރު ވަގުތު ވަރަށް ބޯކޮށް ވާރޭ ވެހުނެވެ. އެހެން ނަމަވެސް އަދިވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް އެ ސަރަހައްދުގައި އެބަ ހުއްޓެވެ. ހާއްސަކޮށް އަލިފާނުގެ ހާދިސާ ހިނގި ގުދަނާއި އިންވެ ހުރި ގުދަނުން ބޯކޮށް ދުން އަރަމުން ދެއެވެ.

އެ މަގާއި ޖެހިގެން އޮންނަ ސޯސަން މަގު، ސައިކަލު ދުއްވޭ ގޮތަށާއި ހިނގާ ބިނގާވެ އުޅޭގޮތަށް ހުޅުވާލާފައިވީނަމަވެސް، ކަމަކުން ކަމަކާ ނުލާ އެ ސަރަހައްދަށް ގޮސް އުޅުން ރައްކާތެރިއެއް ނޫނެވެ. ރޯވީ ކެމިކަލް ގުދަނެއްގައި ކަމުން އަރަމުން އަންނަ ދުމުގައި ކެމިކަލް އަސަރު ހުރުންވެސް އެކަށީގެން ވެއެވެ.

އެ ސަރަހައްދަށް ކޮންމެހެން ދާން ޖެހިއްޖެ ނަމަ މާސްކެއް އެޅުން ރަނގަޅެވެ. އޭޑީކޭ ކައުންޓަރުން ހިލޭ މާސްކު އަންނަނީ ބަހަމުންނެވެ. މާސްކު އަޅައިގެން ވިޔަސް ގިނަ އިރު އެ ސަރަހައްދުގައި އުޅުން ރައްކާތެރިވާނެ ކަމަކަށް ނުބެލެވެއެވެ.

-------------

ރޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ ގައި ނިޔާވެފައިވަނީ އުމުރުން 46 އަހަރުގެ، ތ.ބުރުނީ، ފެންފިޔާޒުގޭ އާއިޝަތު ޝައުނާ އެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ކެމިކަލް ގުދަނުގެ އިތުރުން، އިތުރު ތިން ގުދަނެއްގައި އަލިފާން ރޯވިއެވެ. ހަ ގެއަކަށް އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށް ބައެއް ގޭގެ އެކުގައިހެން އަނދާ ހުލިވެފައިވެއެވެ.

ރޭ ގާތްގަނޑަކަށް 7:25 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައިވަނީ މެންދަމު ތިނެއް ޖެހި ފަހުންނެވެ.

ހާދިސާއާއި ގުޅިގެން ކަލާފާނު ސްކޫލުގައި ގާއިމް ކުރި ރިލީފް ސެންޓަރުގައި 300  އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރިއެވެ. އެ އެންމެން ރޭގެ އެކި ވަގުތުތަކުގައި ވަނީ ގެސްޓް ހައުސްތަކަށާއި އާންމު ބައެއް ގޭގެއަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް