ސިއްރު ފެންފުށީގައި ހުރި ބުދުތައް ފުލުހުން ނަގައިފި

ށ. އަތޮޅުގައި ހިންގާ ސިއްރު ފެންފުށި ރިސޯޓުގައި ހަދާފައިވާ ގެލެރީގައި ހުރި ބުދުތައް ފުލުހުން ގޮސް ނަގައިފި އެވެ. ފުލުހުން ގޮސް ބުދުތައް ނެގީ ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ބުދުތައް ނެގުމަށް އަމުރު ...

21 Sep 2018 | 16:51

ށ. އަތޮޅުގައި ހިންގާ ސިއްރު ފެންފުށި ރިސޯޓުގައި ހަދާފައިވާ ގެލެރީގައި ހުރި ބުދުތައް ފުލުހުން ގޮސް ނަގައިފި އެވެ.

ފުލުހުން ގޮސް ބުދުތައް ނެގީ ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ބުދުތައް ނެގުމަށް އަމުރު ކުރުމުންނެވެ. އެ އަމުރާއި ގުޅިގެން އިއްޔެ ފުލުހުން ބުނެފައިވަނީ ފަސް ގަޑިއިރު ތެރޭ ބުދުތައް ނުނަގައިފި ނަމަ ފުލުހުން ގޮސް ބުދުތައް ނަގާނެ ކަމަށެވެ.

ސިއްރު ފެންފުށީގައި ހުރި އެ ބުދުތައް ފުލުހުން ނަގާފައިވަނީ ކަތިވަޅިއާއި މަރުތެޔޮ އަދި އިލެކްޓްރިސް ކީސް ފަދަ ސާމާނު ބޭނުން ކޮށްގެންނެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ކޮރަލެރިއަމްގައި އިންސާނުންގެ ސޫރައާ ވައްތަރު ގޮތަކަށް ހަދާފައި ހުރި ބުދުތައް މިއަދު ހަވީރު ނަގައި، ނިމިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ އާޓިސްޓެއްގެ ޚިޔާލާ އެއްގޮތަށް ހެދި އެ ގެލަރީ ހަދާފައިވަނީ މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކުވައި ދިނުމަށް އިންސާނުންނާ ވައްތަރު ގޮތަކަށް ހަދާފައިވާ ބުދުތަކާއި އޭގައި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

އެ ބުދުތައް ނަގަން ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރު ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުނީ އޭގެ ކުރިން ބުދުތައް ނެގުމަށް ރައީސް އޮފީހުން އެ ރިސޯޓަށް އެންގުމުން އެގޮތަށް އަމަލު ކޮށްފައި ނުވާތީ އެވެ.

އެ މައްސަލާގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް