ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކޮއްތަށް ދުވާލެއްގެ މައްޗަށް ހަރަދުވަނީ159 ރުފިޔާ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރެއްގެ ކޮއްތަށް ދުވާލެއްގެ މައްޗަށް ހަރަދުވާވަރު އޮޅުންފިލުވައިދެއްވީ އާންމު މީހަކު، މަޖިލިހުގެ މެމްބަރުންގެ ކޮއްތަށް ދުވާލަކަށް ހަރަދުވާ މިންވަރު އޮޅުންފިލުވަން މަޖިލީހަށް ފޮނުވި ސިޓީއަށް ޖަވާބުދެއްވުމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދުވާލަކަށް މަޖިލީހުގެ ކޮންމެ މެންބަރެއްގެ ކޮއްތަށް ހަރަދުކުރަނީ 159.88 ރުފިޔާ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު ޖުމްލަކޮށް ކެއުމުގެ ހަރަދަށް، މަޖިލިހުން ގާތްގަނޑަކަށް 14،000 ރުފިޔާ ހަރަދުކުރެއެވެ. އާންމުކޮށް ހަފްތާއަކު ތިން ޖަލްސާ ބާއްވާ އިރު އެއީ ހަފުތާއަކަށް 41،000 ރުފިޔާއެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ދިރާސާކުރި ވަގުތީ ކޮމިޓީއަށް އާންމުންގެ ފަރާތުން ފޮނުވި ހިޔާލުތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ކޮއްތު ކަނޑާލަން ހުށަހަޅާފައިވެއެވެ. އެކަމަކު މަޖިލީހުގެ ގަވާއިދު އިސްލާހު ކުރި އިރު، އެ ބަދަލު ގެނެސްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް