މިސަރުކާރު ނުހިނގައިގެން މިއުޅެނީ ބަޔަކު ސިހުރެއް ހަދައިގެންތޯ؟ : ޖާބިރު

މި ސަރުކާރު ނުހިނގައިގެން މިއުޅެނީ ބަޔަކު ސިހުރެއް ހަދައިގެންތޯ ނުވަތަ ބައެއްގެ ބަދު ދުޢާއެއްގައި ޖެހިގެންތޯ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު ސުވާލުކުރައްވައިފިއެވެ. އެނ...

21 Aug 2019 | 05:10

މި ސަރުކާރު ނުހިނގައިގެން މިއުޅެނީ ބަޔަކު ސިހުރެއް ހަދައިގެންތޯ ނުވަތަ ބައެއްގެ ބަދު ދުޢާއެއްގައި ޖެހިގެންތޯ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު ސުވާލުކުރައްވައިފިއެވެ.

އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ހުށަހަޅާފައިވާ ބިލާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މިނިސްޓަރު ބަދަލުވިޔަސް ކަން ހިނގާ ގޮތް ބަދަލު ނުވާނެ ކަމަށާއި، މިނިސްޓަރު އަންހެނަކަށް ވުމުން ނުވަތަ ފިރިހެނަކަށް ވުމުން އަންނާނެ ބަދަލެއް ނޯންނާނެ ކަމަށެވެ. އަދި މިސަރުކާރު ނުހިނގައިގެން މިއުޅެނީ ބަޔަކު ބަދު ދުޢާއެއް ކޮށްގެންތޯ، ނުވަތަ ބަޔަކު ސިހުރެއް ހަދައިގެންތޯ ނުވަތަ މިނިސްޓްރީތަކުގެ ނަންތައް ރަނގަޅަށް ލިޔެވިފައި ނެތިގެންތޯ އެއީ ބަލަން ޖެހޭ ކަމެއް ކަމަށެވެ.

"މިސަރުކާރު ނުހިނގައިގެން މިއުޅެނީ ބަޔަކު ބަދު ދުޢާއެއް ކޮށްގެންތޯ؟ ބަޔަކު ސިހުރެއް ހަދައިގެންތޯ؟ މިނިސްޓްރީތަކުގެ ނަންތައް ރަނގަޅަށް ލިޔެވިފައި ނެތިގެންތޯ؟ އެއީ އަޅުގަނޑުމެން ބަލަންވީ ކަމަކީ. ސަރުކާރު ހިންގަން އެބަޖެހޭ. ހުރިހާތަނަކުން ފެންނަނީ ބިރުވެރިކަން. އެއްވެސް މީހަކަށް ވަޒީފާގެ ޔަގީންކަމެއް ނެތް. އެއްވެސް މީހެއްގެ އިއްޒަތެއް ވެސް ނެތް. އެއްވެސް މީހެއްގެ އަބުރެއް ވެސް ނެތް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިބިލް ހުށަހެޅުމުގެ ބޭނުމަކީ މޮޅު ވާހަކައެއް ދައްކަން ފުރުސަތު ހޯދާލުން ކަމަށާއި، މިހާރު ކުރަންވީ ކަމަކީ އާސަންދަ އާއި އެންސްޕާ އިން ދެމުންދާ ޚިދުމަތުގެ ކޮލެޓީ ރަނގަޅު ކުރުން ކަމަށެވެ. އަދި އެކަން ކުރެވޭނީ ބޭކާރު ޚަރަދުތައް ކުޑަކޮށްގެން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން ކޮރަޕްޝަންގެ އަމަލެއް ނުހިނގަނީ ކަމެއް ނުކޮށް ތިބޭތީ ކަމަށެވެ. އަދި ކަމެއް ނުކުރާނަމަ ކޮރަޕްޝަން ނުހިނގާނެ ކަމަށާއި، ޔާމީން ގޮޅިއަށް ނުލާ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް