ސައުދީ އަރަބިއްޔާގެ ކަނބަލުން އެއްތަނުން އަނެއް ތަނަކަށް ދަތުރު ކުރުމުގައި މަޙްރަމަކާ އެކުގައި ހުންނަން ޖެހޭނެ ކަމަށް އޮންނަ އޮތުން ބާތިލުކޮށް، ކަނބަލުންނަށް މަޙްރަމަކާ ނުލާވެސް ދަތުރުކުރެވޭގޮތް ހަދައި އެއަށް މި ހަފްތާގެ ހޯމައިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ހޯމަ ދުވަހު އެކަނިވެސް ހާހަކަށްވުރެ ގިނަ ކަނބަލުން މަޙްރަމަކާ ނުލާ ދަތުރުކޮށްފައިވާކަމަށް ސައުދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ސައުދީގައި ގެނައި މި ބަދަލާއެކު 21 އަހަރުން މަތީގެ ކަނބަލުންނަށް، މަޙްރަމަކާ ނުލާ ދަތުރު ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. ހޯމަ ދުވަހާއި ހަމައަށް އެކަން އޮތީ އެއާ ޚިލާފަށް، ކަނބަލުން ދަތުރު ކުރާނަމަ މަޙްރަމަކާއެކުގައި ނޫނީ ދަތުރު ނުކުރެވޭ ގޮތަށެވެ.
ސައުދީން ގެނައި މި ބަދަލަކީ އަންހެނުން ބާރުވެރި ކުރުވުމަށް ގެނައި ބަދަލެއް ކަމުގައި ބަލައިގަނެ، ރާއްޖޭގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވަނީ އެކަމަށް ސައުދީއަށް މަރުހަބާ ދަންނަވާފައެވެ.
ނަމަވެސް ޝިދާތާގެ އެ މަރުހަބާއަށް ރައްދު ދެއްވައި މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެފައިވަނީ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ބާރާއި ހިމާޔަތަށްވުރެން، ފުރިހަމަ ހިމާޔަތެއް އަދި ބާރުވެރިކަމެއްވެސް އެހެން ފަރާތަކަށް، ނުދެވޭނެ ކަމަށެވެ. އަދި ބަޔަކު ގޮތަކަށް ކަމެއްކުރުމަކީ ދެންތިބި މީހުންވެސް އެކަމަށް ތާއިދުކޮށް އެގޮތަށް އަމަލުކުރަން ޖެހޭކަމެއް ނޫންކަމަށެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީތްގައި ހަދީސެއްވެސް އެއްކަރުދާސް ކުރައްވާފައިވެއެވެ. އެ ހަދީސްގެ މާނައިގާ ބުނެފައިވަނީ "މަޙްރަމަކާއި ނުލައި އަންހެނަކު އެކަނި ދަތުރު ނުކުރާ ހުށިކަމެވެ" މިހެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް