އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ބޫޓުކޮޅާއެކު މިސްކިތެއްގެ މިންބަރަށް އަރައިވަޑައިގެން ނަންގަވާފައި ވާ ފޮޓޯ އަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އިބޫ އަށް ވަނީ އަމާޒުވެގެން ގޮސްފަ އެވެ. އިބޫގެ މިއަމަލަކީ މިސްކިތުގެ ހުރުމަތް ކެނޑުންކަމަށާއި ދީނަށް ފުރައްސާރަކުރުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ވަނީ އިބޫ އަށް ފާޑުކިޔާފަ އެވެ. މިފާޑުކިޔުން އަމާޒު ވެފައިވަނިކޮށް މިފޮޓޯއަކީ މިމަހުގެ 8 ވަނަ ދުވަހު އިބޫ ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ލ.ހިތަދޫ އަށް ވަޑައިގެން އެރަށުގައި ހުރި އާސާރީ މިސްކިތަށް ވަޑައިގެން ނަންގަވާފައިވާ ފޮޓޯތަކެއްކަން ވަނީ އިނގިގެން ގޮސްފަ އެވެ.
ސޯޝަލް މީޑިޔާގެ އިތުރުން ބައެއް މީޑިޔާތަކުގައި އެޚަބަރު ޖެހުމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަޚުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ލ.ހިތަދޫގެ އެ މިސްކިތް ބައްލަވާލެއްވުމަށް އިބޫ ވަޑައިގެންނެވި ދުވަހު އެތާންގައި ނަންގަވާފައިވާ ފޮޓޯތަކެއް ތާރީޚާއެކު ޖައްސަވާ އާންމު ކުރައްވާފަ އެވެ. މީގެއިތުރުން އިބޫ ކުރެއްވާ ކެމްޕޭންގެ ކަންކަން ވަގުތުން ވަގުތަށް ޓްވީޓް ކުރައްވަމުން ގެންދެވާ އައްޑޫ މީދޫދާއިރާގެ މެމްބަރ ރޮޒައިނާ އާދަމްވެސް ވަނީ، އިބޫ ލ.ހިތަދޫގައި ހުރި އާސާރީ މިސްކިތް ބައްލަވާލެއްވުމަށް ވަޑައިގެން އެތާންގެ ފޮޓޯތައް ނެންނެގެވި މަންޒަރު ޓްވީޓް ކުރައްވާފަ އެވެ. އެފޮޓޯތަކަށް ބަލާލުމުން އެއީ ވީރާނަ ވަމުންދާ މިސްކިތެއްކަން އިނގިގެންދެއެވެ.
އިބޫ ބޫޓްކޮޅާއެކު މިސްކިތެއްގެ މިންބަރަށް އަރާވަޑައިގެން ހުންނެވި ފޮޓޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔުމާއި ގުޅިގެން ލ.ހިތަދޫ ކައުންސިލުންވެސް ވަނީ އެކަން ކުށްވެރިކޮށް ، ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެފައެވެ. އެމިސްކިތަކީ އުވާލާފައިވާ މިސްކިތެއްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މިމައްސަލަ ހޫނުވެގެން ގޮސްފައިވާއިރު ދާދިފަހުން ޕީޕީއެމްގެ ރަނިންމޭޓް ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގދ. ތިނަދުއަށް ވަޑައިގެން ދެޖިންސުގެ ބޭފުޅުންނާއެކު ތިނަދޫގައި ގާއިމްކޮށްފައިވާ މިސްކިތް ކައިރީގައި ފޮޓޯ ނެންގެވުމުން އެމައްސަލަ ވެސް ވަނީ ހޫނެވެފައެވެ. އެއީ މިސްކިތުގެ ހުރުމަތް ކެނޑުންކަމަށް ބުނެ ގިނަ ބަޔަކު ޑރ.ޝަހީމަށް ފާޑުކިޔުން އަމާޒުކުރިއިރު، ޑރ.ޝަހީމް ވިދާޅުވެފައިވަނީ މިސްކިތުގެ ހުރުމަތް ނުކަނޑާކަމަށާއި އެއީ ހަދަމުންދާ އިމާރާތެއްކަމަށެވެ. އެއީ އަދި މިސްކިތަކަށް ވެފައި ހުރި ތަނެއް ނޫންކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް