މާލޭގެ އިމާރާތެއްގެ މަތީގައި ނަގާފައިވާ ޖޭޕީގެ ބޮޑު ދިދައެއް ފުލުހުން ބާލައިފި

މާލޭގައި ހުރި ގެއެއްގެ މަތީގައި ނަގާފައިވާ ޖުމްހޫރީ ޕާޓީ(ޖޭޕީ) ގެ ބޮޑު ދިދައެއް ފުލުހުން ބާލައިފިއެވެ. ޖުމްހޫރީ ޕާޓީގެ ޗީޕް ސްޕޯކްސް ޕާސަން އަލީ ޞޯލިހު " ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާ...

21 Aug 2018 | 16:57

މާލޭގައި ހުރި ގެއެއްގެ މަތީގައި ނަގާފައިވާ ޖުމްހޫރީ ޕާޓީ(ޖޭޕީ) ގެ ބޮޑު ދިދައެއް ފުލުހުން ބާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ޗީޕް ސްޕޯކްސް ޕާސަން އަލީ ޞޯލިހު " ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ކުރިން ހިންގި އިމާރާތުގެ ކުރިމަތިން ހުރި ގެއިން ފުލުހުން ދިދަ ބާލާފައިވަނީ ކޯޓު އަމުރެއް ނެތިކަމަށެވެ. މާމަތީގައި ހުރެގެން ކަމަށް ބުނެ ފުލުހުން ޖޭޕީގެ ދިދަ ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަލީ ޞޯލިހު ވިދާޅުވި އެވެ.

" އަޅުގަނޑުމެންނަކަށް އެއްވެސް ސިފައެއްގައި ނުފެނޭ އެއްވެސް ޤަވާއިދަކާއި ޤާނޫނަކަށް ޚިލާފުވެފައިވާތަނެއް. އެދިދައަކީ ޖުމްހޫރީ ޕާޓީގެ ، ޕާޓީއަށް ލޯބިކުރާ ޕާޓީގެ އާންމު މެމްބަރުން އެބޭފުޅުން އަމިއްލަ ފުޅަށް ނަގާފައިވާ އެއްޗެއް. އެފަރާތުން ވިދާޅުވަނީ ކޯޓު އަމުރެއް ނެތްކަމަށް ގެއަށް ވަންނަން. ދެން ހަމަ ވަދެގެން ގޮސް ދިދަ ބާލައިގެން ގޮއްސާ އެ ބޭލިކަމުގެ ލިޔުން ދޭށޭ ބުނީމާވެސް އެލިޔުންވެސް ނުދިންކަމަށް. މިހުންނަނީ ވަރަށް ނާތަޚުޒީބު ޢަމަލުތައް ފުލުހުން ހިންގަމުންދާ." އަލީ ޞޯލިހު ވިދާޅުވިއެވެ.

ގައުމީ ދިދަ ބޭނުންކުރުމާ އުސޫލުގައިވާ ގޮތުން، ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ގައުމީ ދިދަ އަށް ވުރެ އެހެން ވެސް ދިދައެއް އުސްކޮށް ނަގައިގެން ނުވާނެއެވެ.

ހަދަމުންދާ އިމާރާތުގެ އެންމެ މަތީގައި ނަގާފައި ހުރި މިދިދަ ބޭލުމަށް ފުލުހުން ދޮޅުގަޑީރެއް ހާއިރު ހޭދަކޮށްފައިވާކަމަށާއި ، އެދިދަ ބޭލީމާ އަނެއް ކޮޅުން ދިދަ އެއް އަރާނެކަން  ހަނދާންކުރަންޖެހޭ ކަމަށް އަލީ ޞޯލިހު ވިދާޅުވިއެވެ. އަލީ ޞޯލިހު ވިދާޅުވީ ރޭގައި ފެނިގެންދިޔައީ ފުލުހުން ބޭނުންކޮށްގެން ހުޅުމާލޭގައި ދެމި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ދިދަ ތަކާއި ބެނާ ތައް ނަގަމުން ދިޔަތަން ކަމަށާއި ، އެއަށްފަހު ފުލުހުން ބޭނުންކޮށް ޖަގަހަ ތަކަށް ހުރަސް އެޅި މަންޒަރު ފެނިފައިވާކަމަށާއި މިއަދު މިފެނިގެންދިޔައީ މާލޭގައި ނަގާފައި އިން ސިޔާސީ ޕާޓީއެއްގެ ދިދަ އެއް ތިރިކުރި މަންޒަރު ކަމަށެވެ. އަލީ ޞޯލިހު ވިދާޅުވީ " އިލެކްޝަން ކޮމިޝަނުގެ ރައީސް ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރިދުވަހު ވިދާޅުވި އިންސާފުވެރިކަމާއެކު ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ ޕާޓީތަކަށްވެސް ލިބިދީފައިވާކަމަށް. އަޅުގަނޑުމެންގެ ކެންޑިޑޭޓާއި ، ޕާޓީތަކުން ކުރަމުންދާ މަސައްކަތަށް ފުލުހުން ކެނޑިނޭޅި ހުރަސްއަޅަމުންދާ ކަން އެއީ ފާހަގަކޮށްލަން ޖެހޭ ކަމެއް. " ކަމަށެވެ.

އަލީ ޞޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދިދަ އާއި ތޮޅުމުގެ ބައި މިއަދާ ހަމައަށްވެސް ހުއްޓުމަކަށް އައިސްފައި ނުވާކަމަ ށެވެ.

ޖޭޕީގެ ދިދަ ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ، އެ ދިދަ ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ވަނީ ވަނީ ދިދަ ބަދަލުކޮށްފަ އެވެ. އަލީ ޞޯލިހު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޖޭޕީގެ ދިދަ ބޭނުންކުރުމަށްފަހު، ވެރިކަމަށް އައުމަށްފަހު ސަރުކާރަށް ޖޭޕީން ފާޑުކިޔަން ފެށި ހިސާބުން ޖޭޕީގެ ދިދަޔާއި ބެހުން ސަރުކާރުން ހުއްޓާނުލާކަމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް