އިބޫ ބޫޓާއެކު މިސްކިތެއްގެ މިމްބަރަށް އެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ބޫޓުކޮޅާއެކު، މިސްކިތެއްގެ މިމްބަރަށް އަރާވަޑައިގެން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިޔާގައި އާންމު ވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އިބޫ އަ...

21 Aug 2018 | 07:04

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ބޫޓުކޮޅާއެކު، މިސްކިތެއްގެ މިމްބަރަށް އަރާވަޑައިގެން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިޔާގައި އާންމު ވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އިބޫ އަށް އަމާޒުވެއްޖެ އެވެ. މި ފޮޓޯ ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމްތަކުގައި ޝެއަރ ކުރެވިގެންދާއިރު ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުން ނެވެ.

އެގޮތުން އިބޫގެ މިއަމަލަކީ މިސްކިތުގެ ހުރުމަތް ކެނޑުންކަމަށް ގިނަބަޔަކު ސިފަކޮށް އަންނަނީ ޝުޢޫރު ފާޅުކުރަމުން ނެވެ. އަދި މިއީ ދީނަށް ފުރައްސާރަ ކުރުން ކަމުގައި ބުނެ އަންނަނީ ޝުޢޫރުތައް ފާޅުކުރަމުން ނެވެ. މިކަމާގުޅޭގޮތުން ޓްވިޓަރ ގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް އަމާޒުކޮށް ސުވާލުކުރުމުން ޑރ. އިޔާޒު ވިދާޅުވެފައިވަނީ އެ މިސްކިތުގައި ކާޕެޓް އަޅާފައި ހުރި ނަމަ އިބޫ ކުރެއްވީ ކުށެއްކަމަށެވެ. " ނަމަވެސް ކާޕެޓް ނެތް ނަމަ ނުވަތަ މުށި ޖަހާފައި ފައިވާން ބާލާފައި ވަންނަ ގޮތަށް ޚާއްސަ ކުރެވިފައި ނުވާނަމަ އެއީ މައްސަލައެއް ނޫން. ފައިވާނާއެކު ނަމާދު ކުރުން ޞައްހަވެގެންވޭ." ޑރ.އިޔާޒު މިކަމާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ޑރ.އިޔާޒު ވިދާޅުވެފައިވަނީ އެއީ ބޭނުންކުރަމުންދާ އަދި ފައިވާން ބާލާފައި ވަންނަން ޚާއްސަ ކޮށްފައިވާ ތަނެއްނަމަ އެއީ ގޯހެއްކަމަށެވެ. ދާދިފަހުން ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގދ. ތިނަދުއަށް ވަޑައިގެން ދެޖިންސުގެ ބޭފުޅުންނާއެކު ތިނަދޫގައި ގާއިމްކޮށްފައިވާ މިސްކިތް ކައިރީގައި ފޮޓޯ ނެންގެވުމުން އެމައްސަލަ ވެސް ވަނީ ހޫނެވެފައެވެ. އެއީ މިސްކިތުގެ ހުރުމަތް ކެނޑުންކަމަށް ބުނެ ގިނަ ބަޔަކު ޑރ.ޝަހީމަށް ފާޑުކިޔުން އަމާޒުކުރިއިރު، ޑރ.ޝަހީމް ވިދާޅުވެފައިވަނީ މިސްކިތުގެ ހުރުމަތް ނުކަނޑާކަމަށާއި އެއީ ހަދަމުންދާ އިމާރާތެއްކަމަށެވެ. އެއީ އަދި މިސްކިތަކަށް ވެފައި ހުރި ތަނެއް ނޫންކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ވަކި ފިކުރެއްގެ ބަޔަކު ވެރިކަމަށް އައުމުން ދިވެހިރާއްޖެއިން އިސްލާމް ދީން ނެތިގެންދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ދާއިރު ، މިމައްސަލާގައި  ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައިވެސް އަންނަނީ ބަހުގެ ހަމާލަތައް ބަދަލުކުރެވެމުން ނެވެ. އެގޮތުން އިދިކޮޅު ކޯލިޝަން ވެރިކަމަށް އައިސްފިނަމަ ރާއްޖެއިން އިސްލާމް ދީން ނެތިގެން ދާނެކަމަށް ބުނެ ޕީޕީއެމް އިން ވާހަކަ ދައްކަމުން ދާއިރު ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ ކޮންމެ މީހަކު ވެރިކަމަށް އަޔަސް އިސްލާމް ދީން ނުފޮހެވޭނެކަމަށް ވިދާޅުވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް