ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރިޔާސީ ކޮމިޝަނަށް މައުލޫމާތުދެވިދާނެގޮތަކީ ކޮބައިތޯ ބެލުމަށާއި ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
އެ ބޭންކުން ބުނެފައިވަނީ ބޭންކިންގ އާއި ބެހޭ ޤާނޫނުގެ ދަށުން ބޭންކެއްގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި އެކައުންޓުން ކުރެވޭ އެންމެހައި މުޢާމަލާތްތަކުގެ ސިއްރު ހިފެހެއްޓުމަކީ ބޭންކުތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާކަމެއް ކަމަށެވެ. ކަސްޓަމަރުންގެ މައުލޫމާތަކީ ތަޙްޤީޤީ އިދާރާތަކުން ކުރިއަށްގެންދާ ތަހްޤީޤުތަކަށް މުހިއްމު މައުލޫމާތެއްކަމަށް އެ ބޭންކުން ޤަބޫލުކުރާހިނދު، ޤާނޫނީ އިމުގެ ތެރެއިން، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާއިން ލާޒިމްކުރާ މިންވަރަށް، މިބޭންކުން ވާނީ ކަސްޓަމަރުންގެ މަޢުލޫމާތު ތަހްޤީޤީ އިދާރާތަކާ ހިއްސާކޮށްފައި ކަމުގައި ބޭންކުން ބުނެއެވެ.
"ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާއާއި 73 ވަނަ މާއްދާއަށް ހަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2019/HC-A/26 ގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ އެ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާ ޙާލަތެއް ކަމުގައި ބެލިނަމަވެސް އެ އިސްތިސްނާއެއްގެ ބޭނުންކުރަންވާނީ ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި ކަނޑައަޅާފައިވާ ޢާއްމު އިޖުރާއަތުތައް ބޭނުންކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެކަށީގެންވާ ސަބަބުތަކަކާއިއެކު ކަމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަކުރައްވާފަވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުމަކީ، އެއަށްވުރެ މަތީ ކޯޓަކުން ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލަކުން އެހެންގޮތެއް ކަނޑަނޭޅޭ ހިނދަކު، މި ބޭންކުން ތަބާވާންޖެހޭ ނިންމުމެކެވެ. އަދި މި ނޫންގޮތަކަށް ޢަމަލުކުރުމަކީ ބޭންކަށް ލިބިގެންވާ އިޚްތިޔާރެއް ނޫންކަމަށާއި ބޭންކުގެ އެންމެހައި ކަސްޓަމަރުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަކީ ބެންކުގެ މަސްއޫލިއްޔަތެއް ކަމުގައި ބޭންކުން ދެކެމެވެ." ބޭންކުން ބުނެފައިވެއެވެ.
ބޭންކުން ބުނެފައިވަނީ އެހެންކަމުން، ސިވިލް ކޯޓަށް މި ބޭންކުން މައްސަލަ ހުށަހަޅާފައިވަނީ ހައިކޯޓުން ނިންމާފައިވާ މި ޤަޟިއްޔާ އާއި ގުޅިގެން ތަޙްޤީޤީ އިދާރާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން ޢަމަލުކުރަންޖެހޭ ކަމަށް މި ބޭންކަށް ޤަބޫލުކުރެވޭ ގޮތާއި ތަޙްޤީޤީ އިދާރާތަކުން ދެކޭ ގޮތާމެދު ޚިލާފު އުފެދިފައިވާތީ، ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަދަ އެދެވޭ ހައްލެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް ކަމަށެވެ.
"މިމައްސަލައިގައި މިބޭންކުން ވަގުތީ އަމުރަކަށް އެދިފައިވަނީ ރިޔާސީ ކޮމިޝަނުން އެދިފައިވާ މަޢުލޫމާތު މިބޭންކުން ފޯރުކޮށްނުދީފިނަމަ އެ ކޮމިޝަނުގެ މަސްއޫލިއްޔަތާއި ޒިންމާތަކަށް ހުރަސް އަޅަނީ ކަމުގައި ބަލައި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް މިބޭންކުގެ މައްޗަށް އެ ކޮމިޝަނުން އަޅާނެކަމަށް އަންގާފައިވާތީ މި މައްސަލައިގައި ކޯޓުން ވަކިގޮތެއް ނިންމަންދެން ކޮމިޝަނުން ބޭންކުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅުން ވަޤުތީ ގޮތުން ހުއްޓުވުމަށްއެދިއެވެ. ބޭންކެއްގެ ނުވަތަ ބޭންކެއް ހިންގާ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅަން ފެށިއްޖެނަމަ، ބޭންކަށް އިޢާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހި، ބޭންކިންގ ސިނާއަތަށް މިކަމުގެ ނޭދެވޭ އަސަރުކޮށް ބޭންކުގެ ކޮރަސްޕޮންޑެންޓް ބޭންކް ނެޓްވާރކްތަކާއި، ކާޑް ނެޓްވާރކްތަކާއި ރޭޓިން އޭޖެންސީތަކުން ދެކޭގޮތް ބަދަލުވެ ބޭންކުގެ އޮޕަރޭޝަންތައް ހިންގުމަށް ނޭދެވޭ އަސަރުކުރާނެ އެވެ. މި ބޭންކަށް ލިބޭ ކޮންމެ ގެއްލުމަކީ އޭގެ އަސަރު މި ބޭންކުގެ ހިއްސާދާރުން ކަމުގައިވާ ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ކުރާނެކަމެކެވެ." ބޭންކުން ބުނެފައިވެއެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުގައި ބޭންކުން ހުށަހެޅި މައްސަލައިގައި، 18 ޖުލައި 2019 ވަނަ ދުވަހު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުގައި ބޭއްވުނު ބައްދަލަވުމުގައި، މި މައްސަލަ ޝަރިޢަތައް ފޮނުވުމަށް ދެފަރާތުން އެދުމުން، ވީ އެންމެ އަވަހަކަށް މައްސަލަ ނިންމުމަށް ބޭންކުން އެދޭކަމަށާއި ޝަރީޢަތުން ވަކިގޮތެއް ނިމެންދެން ބޭންކުގެ މައްޗަށް ފިޔަވަޅު އެޅުން ރިޔާސީ ކޮމިޝަނުން މަޑުޖައްސާލާނަމަ ވަގުތީ އަމުރު ހޯދުމަށް ބޭންކުން ކުރިޔަށްދާން ނުޖެހޭނެކަމުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ރިޔާސީ ކޮމިޝަންގެ ފަރާތުން އެޅެންހުރި ފިޔަވަޅުތައް އެޅުމައިގެން ކުރިޔަށް ދިޔުމަށް ބޭނުންވާކަމަށް ވިދާޅުވެފައިވާތީ، ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ބޭންކުގެ މަޞްލަޙަތުތައް ޙިމާޔާތްކުރުމަށްޓަކައި ވަގުތީ އަމުރެއް ހޯދުމަށް ބޭންކަށް ކުރެވެހުން ހުރި މަސައްކަތެއް ކުރަންޖެހެއެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ ތަހްޤީޤީ އިދާރާތަކުން ކުރިއަށް ގެންދާ ތަހުޤީޤުތަކުގައި ޤާނޫނުގެ ތަރަހައިގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްއިން ފުރިހަމަ އެއްބާރުލުން ދޭންބޭނުންވާތީ، މި މައުލޫމާތު ފޯރުކޮށްދިނުމުގައި ކަސްޓަމަރުންނާއި ހިއްސާދާރުންނާއި އަދިވެސް މިކަމާ ގުޅުން ހުރި އެންމެހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަދަ ހައްލެއް މިހާރު ލިބެން އޮތީ ޝަރީޢަތް މެދުވެރިކޮށްކަމަށް ވާތީވެ، ބޭންކުން އެދެނީ އަވަސް ހައްލެއް ކޯޓު މެދުވެރިކޮށް ލިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް