މިއަހަރުގެ މިނިވަންދުވަހު ފުޅަނދުބުރު އޮންނާނެކަން ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފުޅަނދުބުރު މިނެރެނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ފުޅަނދުބުރު އޮންނާނީ މިމަހުގެ 27 ވާ ހޮނިހިރު (އަންނަ ހޮނިހިރު) ދުވަހުގެރޭ މާލޭގެ ބޮޑަތި މަގުތަކުގައެވެ.
"އޭގެތެރޭގައި މަޖީދީމަގު، ސޯސަންމަގު، އަމީރުއަހުމަދު މަގު، ބޮޑުތަކުރުފާނުމަގު ހިމެނެއެވެ." މިނިސްޓްރީން ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާގޮތުގައި އެރޭގެ ފުޅަނދުބުރަށްފަހު ޖެހިގެން އަންނަ ދުވަހު ( ޖުލައި 28 ) ހަވީރާއި ރޭގަނޑު ފުޅަނދުތައް ޢާއްމުކޮށް ދައްކާލުން އޮންނާނެއެވެ. އަދި ފުޅަނދުތަކުގައި ކުރިއަށްގެންދާ ކުޅިވަރުތަކާއެކު ޢާއްމުކޮށް ދައްކާލުން އޮންނާނީ އިންޑަސްޓްރިއަލް ޒޯން ޞަރަހައްދުގައެވެ. އަދި ފުޅަނދުތައް ތައްޔާރުކުރަނީ ސަރުކާރުގެ ކުންފުނިތަކުން ކަމުގައި ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
"މިނިވަންދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރު އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެރޭ ރަސްމީ ސްޓޭޑިއަމްގައެވެ. އެކުޅިވަރުތަކުގައި ވިލިމާލެއާއި، ހުޅުމާލެ ހިމެނޭގޮތަށް މާލޭގެ 6 ސްކޫލަކުންނާއި އެމްއެންޑީއެފް ބައިވެރިވާނެއެވެ. ސްކޫލްތަކުންވެސް މިހާރު އަންނަނީ މިނިވަންދުވަހުގެ ކުޅިވަރުތަކަށް ތައްޔާރުވަމުންނެވެ." މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި މިނިވަންދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތަކަކަކީ ފަލާހު ޕްރީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މުހްޔިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ރެހެންދި ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް