ނިމިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 690 ސައިކަލެއްގައި ސްޓިކާ ޖަހައިފިއެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 690 ވެހިކަލެއްގައި މިދިޔަ ހަފްތާގައި ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ފުލުހުން ސްޓިކާ ޖަހާފައިވާ އަދަދެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.
ހަފްތާއެއްގެ ތެރޭގައި 690 ސްޓިކާ ޖަހާފައިވާއިރު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު، މީޑިއާއަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، އުޅަނދުތަކުގައި ސްޓިކާ ޖަހަމުން އަންނަނީ ޕާކު ކުރާނެ ތަން ދެއްކުމަށްފަހުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ ޕާކްކުރާނެ ތަންތަން ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށާއި، އެހެން ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ޕާކްކުރާނެ ތަންތަން ހަދައި އަދި ވެސް އިތުރަށް ހަދަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް