ދެކުނުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ "ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކުރާ މި އެކްސްޕޯ އޮންނާނީ، އަންނަ މަހުގެ 1-3 އަށް އައްޑޫ ސިޓީ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ، މި އެކްސްޕޯގެ މައިގަނޑު އެއް މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓަށްނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ފަހި ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނީ، މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި މި އެކްސްޕޯ އިންތިޒާމްކުރާ ފަރާތަށް -/2000 ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. އަދި މިއެކްސްޕޯގައި ބައިވެރިވުމަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން 10 ފަރާތަކަށް ކަމަށްވުމާއި އެކު ރަޖިސްޓަރ ކުރާ ތަރުތީބުން ފުރުޞަތު ދޭނެ ކަމުގައެވެ.
އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން އޮންނާނީ 21 ޖުލައި 2019 އިން ފެށިގެން 25 ޖުލައި 2019 ގެ 14:00ގެ ނިޔަލަށް، ސަކީނާ މަންޒިލް، 3ވަނަ ފަންގިފިލާގައި ހުންނަ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޮފީހުންނާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް